ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ބަޔާން ލެވަކޫސަންއިން ލީގުގައި ރޭ ކުޅުނު މެޗުގައި، ރަށުން ބޭރުގައި ފްރެންކްފާޓް ބަލިކޮށްފިއެވެ.

ރޭ ލެވަކޫސަންއިން 5-1 ގެ ނަތީޖާއަކުން ފްރެންކްފާޓް ބަލި ކުރި އިރު، މި ސީޒަނުގައި ލެވަކޫސަން އަދި ބަލިވެފައެއް ނުވެއެވެ. ރެކޯޑު 48 މެޗު ބަލިނުވެ ލެވަކޫސަންއިން ހަމަކޮށްފައިވާ އިރު، މި ސީޒަނުގެ ލީގުގައި އެކަނިވެސް އެޓީމުން ވަނީ 82 ގޯލު ޖަހައިފައެވެ. އެއީ ލެވަކޫސަންގެ ކްލަބު ތާރީހުގައިވެސް ލީގު ސީޒަނެއްގައި އެންމެ ގިނައިން ގޯލު ޖެހި އަދަދެވެ. އެޓީމުން މީގެ ކުރިން އެއް ސީޒަނެއްގައި އެންމެ ގިނައިން ގޯލު ޖަހާފައި އޮތީ 2021-22 ވަނަ އަހަރުގެ ސީޒަނުގައެވެ. އެއީ 80 ގޯލެވެ.

ލެވަކޫސަންއިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގްރަނިޓް ޒަކާ އާއި ޕެޓްރިކް ޝިކް ޖެހި ގޯލުތަކުން ލީޑުގައި އޮތް އިރު، ފްރެންކްފާޓްގެ ހަމައެކަނި ގޯލު ޖެހީވެސް ފުރަތަމަ ހާފުގައެވެ. އެ ގޯލު ޖެހީ ހޫގޯ އެކިޓިކޭއެވެ.

ދެވަނަ ހާފު ފެށިގެން 58 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ނެތަން ޓެޔާއަށް އެންކޯންކޯ ކުރި ފައުލަކަށް ލެވަކޫސަންއަށް ޕެނަލްޓީއެއް ލިބިފައިވާ އިރު، އެޓީމަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އެޒެކީލް ޕަލާސިއޯސްއެވެ. އޭގެ ފަހުން ބަދަލަކަށް ނުކުތް ޖެރެމީ ފްރިމްޕޮންގް ލެވަކޫސަންގެ ހަތަރު ވަނަ ގޯލު ޖެހި އިރު، އެޓީމުގެ ފަސްވަނަ ގޯލަކީ ވިކްޓޯ ބޮނިފޭސް ޖެހި ޕެނަލްޓީއެކެވެ.