އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ފަށާފައިވާ ކަމަށާއި އެ ބިލު މިހާރު ދައްކާފައިވާ ފަރާތްތަކަށް އަންނަ މަހު ޑިސްކައުންޓް ދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށް ވުރެ ބޮޑު ނުވާނެހެން ރޯދަ މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރޯދަ މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރު ކޮށްފައިވާ އޭޕްރިލް މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައި، ބިލުތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

"ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ." ފެނަކައިން ބުންޏެވެ.

ފެނަކައިން އިތުރަށް ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ.

އޭޕްރިލް މަހުގެ ފެން ބިލާއި ކަރަންޓް ބިލު ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެ ބިލްތަކުން ވެސް ޑިސްކައުންޓް ދޭން ނިންމަވައިފައެވެ. އެގޮތުން ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީން މިހާރު ވަނީ މިދިޔަ މަހުގެ ބިލްތަކުގައި ޑިސްކައުންޓް ހިމަނައިފައެވެ.