އޭޕްރީލް މަހުގެ ފެން ބިލުން 10 ޕަސަންޓު ޑިސްކައުންޓު ދިނުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ ޕްރިވެޓް ލިމިޓަޑް (އެމްޑަބްލިއުއެސްސީ) އިން ނިންމައިފިއެވެ.

މިދިޔަ މަހުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ކުންފުނިތަކުން ނިންމާފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ ބިލްތަކުން ޑިސްކައުންޓް ދީފައިނުވާތީ، އެ ބިލުތައް އިސްލާހުކުރަން ކުރުމަށް ސަރުކާރުން އެ ކުންފުނިތަކަށް އެންގުމުންނެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައި ވާނީ ރޯދަ މަހުގެ ތެރޭގައި 11 މާޗް އިން 11 އެޕްރީލްގެ ނިޔަލަށް ފޮނުވި ބިލްތަކަށް ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ފޮނުވި ބިލުތަކުން 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރި މިންވަރުގެ 24.5 ޕަސަންޓެވެ.

އޭޕްރީލް މަހުގެ ބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓް ދޭ އިރު، އެ އެ ބިލްގައި މާޗް މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށެވެ.

އެގޮތަށް ބިލްގެ އަދަދު މާޗް މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލްގެ އަދަދު 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލްތަކުން ވެސް 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ބިލްތަކަށް ގެނައި މި ބަދަލުތަކުގެ ތަފްސީލުތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ފޮނުވަމުން ގެންދާނެ ކަމަށެވެ. އަދި މި ވަގުތު ބިލް ފޮނުވާފައިވާ ފަރާތްތަކަށް ވެސް ޑިސްކައުންޓް ލިބުމުން ބިލަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އާންމުކުރާނެ ކަމަށް ބުންޏެވެ.

ރައީސް މުއިއްޒު، މާޗު މަހުގެ ހަތަރުވަނަ ދުވަހު ބ. އަތޮޅުގެ އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރޯދަމަހުގައި އާންމުކޮށް ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މިފަހަރު ރޯދަ މަހުގައި އެހެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ ކިތަންމެ ލޯޑު ބޮޑުވިޔަސް، ރައްޔިތުންގެ އަތުން ކަރަންޓާއި ފެން ބިލުން އިތުރު އެއްޗެއް ނުނަގާނެ ކަމަށާއި އެއީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ ރަށްތަކުން ނަގާ 30 ރުފިޔާގެ ފީ އެޕްރީލް މަހުން ފެށިގެން އުވާލެއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.