އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުގައި ވުލްވްސް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ސިޓީން އަމިއްލަ ދަނޑުގައި މިރޭ ވުލްވްސް ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ސިޓީއަށް މެޗަށް ނުކުތް އިރު، ނަތީޖާ ނެރުމަށް ޕްރެޝަރެއް އޮތެވެ. އެއީ މިއަދު ހަވީރު އާސެނަލުން ކުޅުނު މެޗުގައި ބޯންމައުތު ބަލިކޮށްފައި އޮތުމުންނެވެ. ތަށީގެ ރޭހުގައި އާސެނަލާއި ސިޓީ ވާދަވެރިކޮށް އޮތް އިރު، މިރޭ ސިޓީން ހޯދި މޮޅާއެކު އެއްވަނައިގައި އޮތް އާސެނަލާ ޕޮއިންޓެއް ގާތަށް ސިޓީ ވަނީ ޖެހިލައިފައެވެ. އެއީ މެޗެއް މަދުން ކުޅެގެންނެވެ.
އާސެނަލް މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 36 މެޗުން 83 ޕޮއިންޓާއެކުގައެވެ. ސިޓީ 35 މެޗު ކުޅެގެން 82 ޕޮއިންޓް ހޯދާފައިވާ އިރު، ލީގު ހޯދުމަށް އަދިވެސް އަމިއްލަ ބާރު އޮތީ ދެވަނައިގައި އޮތް ސިޓީ އަތުގައެވެ. ލީގުގައި އާސެނަލަށް ބާކީ ދެން ދެ މެޗު އޮތް އިރު، ސިޓީއަށް ބާކީ ތިން މެޗު އަދި އެބައޮތެވެ.
ސިޓީން މިރޭގެ މެޗު ވަރުގަދަކޮށް ފަށާފައިވާ އިރު، އެޓީމުން މެޗުގެ ކުރީކޮޅުގައި ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. ޖޮސްކޯ ގްވާޑިއޯލަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި ހާލަންޑް ސިޓީއަށް ލީޑު ނަގައިދިން އިރު، 35 ވަނަ މިނެޓުގައި ހާލަންޑް އިތުރު ގޯލެއް ޖަހައި ސިޓީގެ ލީޑު ފުޅާކޮށްދިނެވެ.
ހާލަންޑް ހާފު ނިމުމުގެ ކުރިން އޭނާގެ ހެޓްރިކްވެސް ފުރިހަމަ ކުރިއެވެ. އޭރިއާ ތެރެއިން ހާލަންޑަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ހާލަންޑް ލީގުގެ ރަން ބޫޓާ ގާތަށްވެސް ޖެހިލިއެވެ.
ދެވަނަ ހާފުގައިވެސް މެޗުގެ ކޮންޓްރޯލް ގެއްލުވާނުލައި ސިޓީން ކުޅެމުން ގޮސްފައިވެއެވެ. ހާފުގެ ކުރީކޮޅުގައި ކެވިން ޑި ބްރޭނާއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ވުލްވްސްއިން ހާފުގެ ކުރީކޮޅުގައި ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ހީ-ޗެން ވޭންގެވެ.
އެ ގޯލާއެކުވެސް ސިޓީއަށް މާ ބޮޑު އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. ހާލަންޑްގެ އިތުރު ގޯލަކާއި، އޭނާގެ ބަދަލަށް މެޗަށް ނުކުތް ޖޫލިއަން އަލްވަރޭޒްގެ ގޯލަކާއެކު މުހިއްމު ތިން ޕޮއިންޓް ޔަގީންކޮށް، އަނެއްކާވެސް ލީގު ހޯދުމާ ގާތަށް ސިޓީ ޖެހިލިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު