ކަކުލަށް ލިބުނު އަނިޔާއަކާއެކު ފްރާންސްގެ ޕީއެސްޖީ ޑިފެންޑަރު ލޫކަސް ހެނާންޑޭޒްއަށް ޔޫރޯ 2024 ގެއްލޭނެކަން ޔަގީން ވެއްޖެއެވެ.
އުމުރުން 28 އަހަރުގެ ޑިފެންޑަރު ހެނާންޑޭޒްއަށް އަނިޔާވީ ޕީއެސްޖީން ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައެވެ. އެ މެޗުގެ 42 ވަނަ މިނެޓުގައި ހެނާންޑޭޒް ބަދަލުކުރަން ޖެހިފައިވާ އިރު، މެޗަށްފަހު އޭނާ ހެދި އެމްއާރްއައި ސްކޭނުން ދެއްކި ގޮތުގައި އަނިޔާވީ ވާތު ކަކުލަށެވެ. ޕީއެސްޖީން ބުނެފައި ވަނީ ހެނާންޑޭޒް ކަކުލުގެ އެސީއެލްއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން ޕީއެސްޖީން ބުނީ ހެނާންޑޭޒްގެ ކަކުލުގެ އޮޕްރޭޝަނެއް ކުރަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އޮޕަރޭޝަން ކުރާނެ ތާރީހެއް އަދި ރިކަވާ ވާނެ ވަކި ތާރީހެއްވެސް ޕީއެސްޖީން ބުނެފައެއް ނުވެއެވެ.
ހެނާންޑޭޒްއަކީ ފްރާންސަށް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، މިހާތަނަށް ގައުމީ ޓީމަށް 37 މެޗު ކުޅެދީފައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް ހެނާންޑޭޒް ކުޅެފައިވާ އިރު، އެފަހަރު ފްރާންސުން ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެނާންޑޭޒްއަށް އަނިޔާވިއެވެ. އެފަހަރުވެސް އޭސީއެލް އަނިޔާވެ، ހެނާންޑޭޒްއަށް ވޯލްޑް ކަޕްގެ ބާކީ ބައި ގެއްލުނެވެ.
މިފަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ 2024 ފަށާނީ ޖޫން 14 ވާ ހުކުރު ދުވަހުއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024