ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޖަރުމަނުގެ ޗެމްޕިއަން ލެވަކޫސަންއިން ރަށުން ބޭރުގައި ރޯމާ ބަލިކުރި އިރު، މާސޭއާއި އަޓަލާންޓާ ވާދަކުރި މެޗު އެއްވަރު ވެއްޖެއެވެ.
މި ސީޒަނުގެ ޖަރުމަނު ލީގު ކާމިޔާބުކޮށް، ކްލަބު ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޖަރުމަނުގެ ޗެމްޕިއަންކަން ހޯދި ޒަބީ އެލޯންސޯގެ ލެވަކޫސައިން ޔޫރަޕްގައިވެސް އެ ފޯމު ދަމަހައްޓަމުން އަންނަ އިރު، ރޭ ރަށުން ބޭރުގައި ރޯމާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައި ނުވާ އިރު، 28 ވަނަ މިނެޓުގައި ލެވަކޫސަންއިން ލީޑު ނެގިއެވެ. ރޯމާގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެލެކްސް ގިރްމާލްޑޯ ތަނަވަސްކޮށްދިން ފުރުސަތުގައި ލެވަކޫސަންއަށް ގޯލު ޖަހައިދިނީ ފްލޯރިއަން ވާޓްސްއެވެ. އެއީ އޭނާ މި ސީޒަނުގައި ލެވަކޫސަންއަށް ޖަހައިދިން 18 ވަނަ ގޯލެވެ.
މި ސީޒަނުގައި މިހާތަނަށް ކުޅުނު 47 މެޗުންވެސް ލެވަކޫސަން ބަލިވެފައި ނުވާ އިރު، އެޓީމުން ރޭގެ މެޗުގައި ލީޑު ފުޅާކުރީ ދެވަނަ ހާފުގެ މެދުތެރެއިންނެވެ. ރޮބާޓް އަންދްރިޗް ޖެހި ގޯލުން ލެވަކޫސަން ލީޑު ފުޅާކޮށް، ފައިނަލްގެ ފުރުސަތު ބޮޑުކުރި އިރު، ރޯމާ ރޭގެ މެޗުގައި ފެނުނީ ދަށްކޮށެވެ. އެޓީމުގެ ރޮމެލޫ ލުކާކޫއާއި ޓެމީ އަބްރަހަމް ފޮނުވާލި ހަމަލާތައްވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
ރޭ ކުޅުނު ސެމީ އަނެއް މެޗުގައި މާސޭއިން އަމިއްލަ ދަނޑުގައި އަޓަލާންޓާއާ އެއްވަރުވީ 1-1 އިންނެވެ. މެޗުގައި އަޓަލާންޓާއިން ޖިއާންލޫކާ ސްކަމަކާ ޖެހި ގޯލުން ލީޑު ނެގި އިރު، މާސޭއަށް މެޗު އެއްވަރު ކޮށްދިނީ ޗާންސެލް އެމްބެމްބާއެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު