ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް އެއްވަރު ވެއްޖެއެވެ.
ބަޔާންގެ އަލިއާންޒް އެރީނާގައި ކުޅުނު ވާދަވެރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރެއާލްގެ ދެ ގޯލުވެސް ވިނީޝިއަސް ޖޫނިއާ ޖަހައިދިން އިރު، ދެޓީމުން ނަތީޖާ ނެރެން ރެއާލްގެ ދަނޑަށް ނުކުންނާނީ އަންނަ ބުދަ ދުވަހުއެވެ.
ބަޔާނުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭގެ މެޗު ފެށީ ވަރުގަދަކޮށެވެ. ފުރަތަމަ 20 ވަރަކަށް މިނެޓުގައި އެޓީމުން މެޗު ކޮންޓްރޯލްކޮށްގެން ޑޮމިނޭޓް ކުރި އިރު، ލެރޮއި ސާނޭއާއި ހެރީ ކޭންއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. އޭގެ އިތުރުން ކޯނަރެއްގައި އެރިކް ޑަޔާއަށް ލިބުނު ފަހި ފުރުސަތުގެ ބޭނުންވެސް އޭނާއަކަށް ނުކުރެވުނެވެ.
މެޗުގައި ރެއާލްއިން އުފައްދި ފުރަތަމަ އެޓޭކްގައިވެސް އެޓީމުން ލީޑު ނެގިއެވެ. 24 ވަނަ މިނެޓުގައި މެދުތެރެއިން ޓޯނީ ކްރޫސް ދުއްވާލި ހިތްގައިމު ޕާހަށް ދެމިގަނެ، ރެއާލްއަށް ލީޑު ނަގައިދިނީ ވިނީޝިއަސްއެވެ. އެ ގޯލު ޖެހުމަށް ފުރުސަތު ފަހި ކުރުމަށް ވިނީޝިއަސް ވަނީ ބަޔާންގެ ޑިފެންޑަރު ކިމް މިން-ޖައޭ ކައިރިން ފަސޭހަކޮށް ދެމިގަނެފައެވެ.
ދެވަނަ ހާފަށް ބަޔާނުން ކުޅުމުގެ ސްޓައިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް، މެޗުގެ ނަތީޖާ އަނބުރާލިއެވެ. ހާފުގެ ކުރީކޮޅުގައި ދެ ގޯލުވެސް ފެނިގެން ދިޔަ އިރު، 53 ވަނަ މިނެޓުގައި މެޗު އެއްވަރުކުރީ ސާނޭއެވެ. އެހިސާބުން ބަޔާނުން ކޮންޓްރޯލް ހޯދައި، ތިން މިނެޓް ފަހުން ލީޑު ނެގިއެވެ. ބަޔާނުން ލީޑު ނެގީ ކޭން ކާމިޔާބު ކޮށްދިން ޕެނަލްޓީންނެވެ.
މެޗުން މޮޅުވާން ބަޔާން ދަނިކޮށް، އަނެއްކާވެސް ގޯސް ހެދުނީ ބަޔާންގެ ޑިފެންޑަރު ކިމްއަށެވެ. 83 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރޮޑްރީގޯގެ ޖާޒީގައި ހިފެހެއްޓުމުން ރެފްރީ ދިން ޕެނަލްޓީ އެއްވަރުކޮށް، ވިނީޝިއަސް ރެއާލަށް މެޗު އެއްވަރު ކޮށްދިނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު