ޓީވީ ޗެނަލްތަކާއި ބާއެއް އާންމު ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ތަކެއްޗަށާއި މީހުންނަށާއި މީހުންގެ ފުރާނައަށް އަދި މީޑިއާތަކަށް އިންޒާރު ދޭ މައްސަލަތައް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
"އެގޮތުން މި މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ސައިބާ ކްރައިމް ޑިޕާޓްމެންޓާއި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ގެންދަނީ ކުރަމުންނެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން އެފަދަ ބަޔާނެއް ނެރެފައިވާ އިރު، ރާއްޖެ ޓީވީއާއި ޗެނަލް 13 އަންދާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އިންޒާރުދީފައެވެ.
ރާއްޖެ ޓީވީއަށް އިންޒާރުދިން ސޯޝަލް މީޑިއާ އެކައުންޓުން ބުނެފައިވަނީ ރާއްޖޭ ޓީވީގެ ދުވަސް "ދުއްވާލާނެ" ކަމަށާއި ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށެވެ. އަދި މިފަހަރު ރާއްޖެ ޓީވީ "ހޭއަރުވާލާނެ" ކަމަށެވެ. އެ އިންޒާރު ދީފައިވަނީ ފޭކް ފޭސްބުކް އެކައުންޓަކުންނެވެ.
ޗެނަލް 13 އަށް އިންޒާރު ދީފައިވަނީ، ރާއްޖެ ޓީވީއަށް އިންޒާރު ދިން ހަބަރު ކަވަރުކުރުމާ ގުޅިގެންނެވެ. ޗެނަލް 13 އަށް އިންޒާރުދިން އެކައުންޓުން ބުނީ ރާއްޖެ ޓީވީއަށް ވުރެ ކުރިން ހުޅުޖަހާނީ ޗެނަލް 13 ގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު