މި ސީޒަނަށްފަހު ޗެލްސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފިއެވެ.
އުމުރުން 39 އަހަރުގެ ސިލްވާ ޗެލްސީއާ ގުޅިފައި ވަނީ 2020 ވަނަ އަހަރު ޕީއެސްޖީން ހިލޭ ޓްރާންސްފާއެއްގައެވެ. ފުރަތަމަ އެއް ސީޒަނަށް ސިލްވާ ޗެލްސީއަށް ސޮއިކުރި ނަމަވެސް، އެއްބަސްވުން އާކުރަމުން ގޮސް، މިހާތަނަށް އޭނާ ވަނީ ހަތަރު ސީޒަން ޗެލްސީގައި ހޭދަކޮށްފައެވެ. އެ ހަތަރު ސީޒަނުގައި ސިލްވާ ވަނީ 151 މެޗުވެސް ޗެލްސީއަށް ކުޅެދީފައެވެ.
"ޗެލްސީއަކީ އަހަންނަށް ވަރަށް ހާއްސަ ކްލަބެއް. އަހަރެން ފުރަތަމަ އެންމެ ސީޒަނަކަށް މި ކްލަބަށް އައި ނަމަވެސް، ހަތަރު އަހަރަށް ދެމިގެން ދިޔަ. އަހަންނަށް ޗެލްސީއާ އަލްވަދާއު ކިޔަން ވަރަށް އުނދަގޫ. އެއީ ދެފަރާތުގެ ލޯބިވެސް މި ކަމުގައި ހިމެނޭތީ. އަބަދުވެސް އަހަންނަކީ ޗެލްސީގެ ނޫކުލައިގެ މީހެއް. އެގޮތުގައި ދެމި ހުންނާނަން،" ކުރިން އޭސީ މިލާނަށްވެސް ކުޅުނު ސިލްވާ ބުންޏެވެ.
މި ސީޒަނުގައިވެސް ސިލްވާ ވަނީ 34 މެޗު ޗެލްސީއަށް ކުޅެދީފައެވެ. އޭގެ ތެރެއިން 25 މެޗެއްގައި ފުރަތަމަ 11 އަށް އޭނާ ނުކުމެފައިވެއެވެ.
ފްރޭންކް ލެމްޕާޑްގެ ކޯޗުކަމުގައި ޗެލްސީއަށް ސޮއިކުރި ސިލްވާ، އޭގެފަހުން ވަނީ ތޯމަސް ޓުޗެލް އާއި ގްރަހަމް ޕޮޓާ އަދި މިހާރުގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެފައެވެ. ސިލްވާއަކީ ގިނަ މެޗުތަކެއްގައި ޗެލްސީގެ ކެޕްޓަން ބޭންޑްގައިވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
ބްރެޒިލް ގައުމީ ޓީމަށްވެސް 113 މެޗު ކުޅެފައިވާ ޑިފެންޑަރު ސިލްވާ ވަނީ ޗެލްސީއާ އެކު 2020-21 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައި، އޭގެފަހުން ސުޕަ ކަޕާއި ކްލަބު ވޯލްޑް ކަޕްވެސް ހޯދައިފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ