ފުވައްމުލަކުގައި ދެ އެކްސިޑެންޓެއް ހިނގައި، އެ ތަނުން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ރޭ 10:48 ހާއިރު ދެ ސައިކަލު ޖެހި ފުވައްމުލައް ސިޓީގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެ، ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން ބުނީ، އެތަނުން އެކަކުގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ މެޖޭނަރު ފަތުހުﷲ ނަސީރު "ވަން" އަށް މިއަދު ވިދާޅުވީ، އައިސީޔޫގައި ފަރުވާދިން މީހާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި އިތުރު ފަރުވާއަށް މިހާރު މާލެ ފޮނުވާލައިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ފުވައްމުލަކުގައި ދެވަނަ އެކްސިޑެންޓެއް ހިނގީ ސައިކަލެއްގައި ދިޔަ މީހަކު، އެއާޕޯޓް ސަރަހައްދުގައި ހުރި ގިޑިގެއަކުން ނެއްޓެން އުޅެނިކޮށް ކަހާލައިގެން ވެއްޓިގެން ކަމަށެވެ. އެ އެކްސިޑެންޓުގައި 27 އަހަރުގެ މީހަކަށް އަނިޔާވެފައިވާއިރު، އޭނާއަށްވެސް ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.

ފުލުހުން ދަނީ އެ ދެ އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.