ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ތިން ބޭފުޅުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުކަމަށް ފާތުމަތު ހަބީބާ، ދަފްތަރު 9472، އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސީއެސްސީ އަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ތިން ބޭފުޅުންގެ ތެރޭގައި، ފާތުމަތު ހަބީބާގެ އިތުރުން ދެން ހިމެނެނީ އަބްދުލް ހަސީބު އިސްމާއީލް، ދަފްތަރު 7505، އާއި މއ. ފޮރެސްޓް މަރިޔަމް ޝާހިދާގެ ނަމެވެ.

އެ ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ، ހަސީބާއި ހަބީބާ، އެ ދެ ބޭފުޅުންކުރެ ބޭފުޅެއްގެ ނަން ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރަން ފާސްކުރަން ފެންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ހަސީބުގެ ނަމަށެވެ. އެވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން އޭނާގެ ނަން ފާސްކުރަން ވޯޓު ދެއްވީ، 18 މެންބަރުންނެވެ. ނަމަވެސް އޭނާގެ ނަން ފާސްކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން އޭނާގެ ނަމެއް ފާހެއްނުވިއެވެ.

ދެން ވޯޓަށް އެހީ ހަބީބާގެ ނަމަށެވެ. އޭނާ ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ.