ތައިލެންޑްގައި ފަށަން ތައްޔާރުވެފައިވާ ފަސްވަނަ އޭވީސީ އޭޝިއަން 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ދާ ރާއްޖޭގެ ދެ ޕެއާ ރޭ ފުރައިފިއެވެ.

އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހާ ހަމައަށް ތައިލެންޑްގެ ރޯއީ-އެޓްގައި ބާއްވަން ތައްޔާރުވެފައިވާ މުބާރާތަށް ދިޔަ ރާއްޖޭގެ ޒުވާން ދެ ބީޗް ވޮލީ ދެ ޕެއާއަކީ އދ. ކުނބުރުދުއަށް ނިސްބަތްވާ މުހައްމަދު އިކުރަމް އިސްމާއިލް ރަޝީދާއި އދ. މާމިގިއްޔަށް އުފަން އިބްރާހިމް ރާކިން ހަސަންގެ ޕެއާގެ އިތުރުން ޅ. ނައިފަރުގެ މުހައްމަދު އިއުޖާޒް ހަސަނާއި އަބްދުﷲ އާލް އަލީގެ ޕެއާއެވެ. އޭގެ އިތުރުން ދެޓީމުގެ ކޯޗެއް ގޮތުގައި ތައިލެންޑަށް ގޮސްފައި ވަނީ ދިވެހި ސިފައިން ކްލަބުގެ އަދުނާން އަބްދުލް ހަމީދެވެ.

ރާއްޖޭގެ ދެ ޓީމާއެކު މުބާރާތުގައި ރެފްރީކަން ކުރުމަށް، މަޝްހޫރު ބީޗް ވޮލީ ރެފްރީ އާރްޑީސީގެ އިސްމާއިލް އަބްދުﷲވެސް މުބާރާތަށް ގޮސްފައިވެއެވެ.

އޭވީސީ އޭޝިއަން 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތަކީ އޭޝިއަން ވޮލީބޯޅަ ކޮންފެޑެރޭޝަނުން އިންތިޒާމްކުރާ މުބާރާތެކެވެ. މުބާރާތުގައި އޭޝިއާގެ ގިނަ ގައުމުތަކަކުން ބައިވެރިވެފައިވާ ފިރިހެން ޖުމުލަ 32 ޓީމު ފެނިގެންދާނެއެވެ. އަދި އަންހެން ޑިވިޝަނުގައި 21 ޓީމެއް ފެނިގެންދާނެއެވެ.

މިފަހަރުގެ މުބާރާތަށްދާ ކޯޗާއި ރެފްރީގެ އިތުރުން ކުޅުންތެރިންނާ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒް އިއްޔެ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ.