އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް އެންމެ ގާތުން ވާދަކުރަމުންދާ އާސެނަލާއި މެންޗެސްޓާ ސިޓީން މިރޭ ލީގުގައި ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

މި ހަފުތާ އާސެނަލަށް އުނދަގޫ މެޗެއް އޮތް އިރު، އެޓީމުން ޓޮޓެންހަމް ދަނޑުގައި ކުޅުނު ނޯތު ލަންޑަން ޑާބީން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން ސިޓީން މިރޭ ނޮޓިންހަމް ފޮރެސްޓް ދަނޑުގައި ކުޅުނު މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ނަތީޖާތަކާއެކުވެސް އެއްވަނައިގައި އޮތީ އާސެނަލެވެ. އެއީ 35 މެޗުން 80 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތް އިރު، އެޓީމަށް 34 މެޗުން ލިބިފައި ވަނީ 79 ޕޮއިންޓެވެ. އާސެނަލަށް ލީގުގައި ބާކީ ތިން މެޗު އޮތް އިރު، ސިޓީއަށް ހަތަރު މެޗު އެބައޮތެވެ. އާސެނަލަށް އަމިއްލަ ބާރު ނެތް ނަމަވެސް، ސިޓީ ބައްޔަކާ ކުރިމަތިލާން ޖެހިއްޖެނަމަ، އެޓީމަށްވެސް ލީގަށް ފުރުސަތު އެބައޮތެވެ.

އާސެނަލާއި ޓޮޓެންހަމް މިރޭ ކުޅުނު މެޗު ރަނގަޅަށް ފެށީ ޓޮޓެންހަމްއިންނެވެ. އެޓީމުން ކުރިއަށް ޖެހި ނުރައްކާ ކުރުމުގެ ތެރޭގައި ކްރިސްޓިއަން ރޮމޭރޯ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެސް ވެއެވެ. އެޓޭކް ކުރަމުންދިޔައީ ޓޮޓެންހަމް ނަމަވެސް، 15 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި އާސެނަލް ލީޑު ނެގިއެވެ.

އެ ގޯލަކީ ޕިއޭ-އެމީލް ހޮއިބިއޭގެ ބޮލުން ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ އިރުކޮޅެއްފަހުން ބުކަޔޯ ސަކާ ޖެހި ގޯލުން އާސެނަލް ލީޑު ފުޅާކުރި އިރު، އެޓީމުން ހާފު ނިންމާލީ އިތުރު ގޯލަކާއެކުގައެވެ. އެ ގޯލު ޖެހީ ކައި ހަވާޓްސްއެވެ.

ދެވަނަ ހާފަށް ނުކުމެ ޓޮޓެންހަމްއިން މެޗު އަނބުރާލަން މަސައްކަތް ކުރި އިރު، އާސެނަލް ކީޕަރު ޑޭވިޑް ރާޔާ ހެދި ގޯހަކުން ރޮމޭރޯ ގޯލު ޖެހިއެވެ. އަދި އޭގެ ފަހުން ލިބުނު ޕެނަލްޓީއެއްގައި ހިއުން މިން ސޮން އިތުރު ގޯލެއް ޖަހައި ހިތްވަރު އާކުރި ނަމަވެސް، އާސެނަލުން މުހިއްމު ތިން ޕޮއިންޓް ޔަގީންކުރިއެވެ.

ސިޓީން މިރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ފޮރެސްޓުން ގިނަ ފުރުސަތުތަކުއް ތަނަވަސްކޮށް، އެޓީމަށް ގޯލެއް ނުޖެހުންވީ ސިޓީއަށް ލިބުނު ނަސީބަކަށެވެ. ކްރިސް ވުޑާއި އެންތަނީ އެލަންގާއަށް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ސިޓީން ފުރަތަމަ ހާފު ނިންމާލީ ގޯލެއް ޖަހައިގެންނެވެ. ކޯނަރެއްގައި އެ ގޯލު ޖެހީ ޖޮސްކޯ ގްވާޑިއޯލްއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ފޮރެސްޓުން ނުރައްކާ ބޮޑު ކޮށް ފެނުނު އިރު، ސިޓީއަށް ދެވަނަ ގޯލެއް ޖެހުނީ އާލިން ހާލަންޑް ކުޅެން ނެރެގެންނެވެ. ހާލަންޑް ބަދަލެއްގެ ގޮތުގައި ކުޅެން ނުކުމެ، ސިޓީއަށް މޮޅު ޔަގީން ކޮށްދިނީ މެދުތެރެއިން ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ގޯލު ޖަހައިގެންނެވެ.