އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި އެސްޓަން ވިލާއާ އެއްވަރު ކޮށްފިއެވެ.
ލީގުގެ ގަދަ ހަތަރަކަށް މަސައްކަތް ކުރަމުންދާ ވިލާއިން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، ޗެލްސީން ވަނީ ދެވަނަ ހާފަށް ނުކުމެ 2-2 އިން މެޗު އެއްވަރު ކޮށްފައެވެ.
ވިލާއިން މިވަގުތު ތާވަލުގެ ހަތަރުވަނައިގައި އޮތީ 35 މެޗުން 67 ޕޮއިންޓާއެކުގައެވެ. ވިލާއާ އެންމެ ގާތުން ހަތަރު ވަނައަށް ވާދަކުރާ ޓޮޓެންހަމްއަށް 32 މެޗުން 60 ޕޮއިންޓް ލިބިފައިވާ އިރު، ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 34 މެޗުން 54 ޕޮއިންޓް ލިބިފައެވެ. ފަހަތުން އަރައި ޕޮއިންޓެއް ހޯދި ޗެލްސީއަށް ޔޫރަޕް ފުޓުބޯޅައިގެ އުންމީދު ފަނޑުވެފައި އޮތް އިރު، އެޓީމު ނުވަ ވަނައިގައި އޮތީ 33 މެޗުން 48 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗު ފެށިގެން ޗެލްސީގެ ނިކޮލަސް ޖެކްސަން ކުރިއަށް ދެމިގަނެ، ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތް ކުރިއިރު، ޖެކްސަން އޮފްސައިޑް މަގާމެއްގައި އޮތް ކަމަށެވެ.
މެޗުގައި ވިލާއިން ލީޑު ނެގީ ޖޯން މެގިން ފޮނުވާލި ބޯޅައެއް ޗެލްސީގެ ޑިފެންޑަރު މާކް ކުކުރޭލާ ފައިގައި ޖެހި ބައިކޮޅަށް ވަދެގެންނެވެ. އޭގެ ފަހުން ޖެކްސަން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ހާފު ނިމުމުގެ ކުރިން މޯގަން ރޯޖާސް ވަނީ ވިލާއަށް ލީޑު ފުޅާކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ނޮނޭ މަޑުއޭކޭ ޖެހި ގޯލުން ޗެލްސީ މެޗަށް އަނބުރާވަދެ، ކޯނޯ ގަލެގާ ޖެހި ގޯލުން އެއްވަރުކުރިއެވެ. އަދި މެޗު ނިމިނިމި އޮއްވާ އެކްސެން ޑިސާސީ ޖެހި ބޯޅައެއް ގޯލަށްވެސް ވައްދާލިއެވެ. އެހެން ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ، އެ ގޯލަށް ފުރުސަތު ފަހިކުރުމުގައި ބެނޮއިޓް ބަޑިއަޝޭލް ފައުލް ކުރި ކަމަށެވެ.
އެކަމުގެ ރުޅީގައި މެޗު ނިންމާލުމަށްފަހު ޗެލްސީގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ބުނީ. ބަޑިއަޝޭލް ކުރީ ފައުލެއް ނޫން ކަމަށާއި، ވީއޭއާރްގެ ސަބަބުން މުޅި އިނގިރޭސި ފުޓުބޯޅަ ހަލާކު ވެއްޖެ ކަމަށެވެ. އަދި ރޭގެ މެޗުގައި ނިންމި ނިންމުމާއެކު، އެފްއޭ ކަޕްގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިންމި ނިންމުމުގެ ސަބަބުން ޗެލްސީގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި އޭނާ ވެސް މާޔޫސް ކޮށްލައިފި ކަމަށް ޕޮޗެޓީނޯ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު