އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި ވެސްޓް ހަމް ކައިރިން އެއްވަރުވި އިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ބާންލީއާ އެއްވަރު ވެއްޖެއެވެ.

މީގެ ދެ ހަފުތާ ކުރިން ތަށީގެ ރޭހުގެ އެންމެ ކުރީގައި އޮތް ލިވަޕޫލް މިރޭ ރަށުން ބޭރުގައި ވެސްޓް ހަމް ކައިރިން 2-2 އިން އެއްވަރުވުމުން، އެޓީމަށް ވަނީ ލީގު ތަށި ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ.

މިވަގުތު ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލް 34 މެޗުން 77 ޕޮއިންޓާ އެކު އޮތް އިރު، ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 33 މެޗުން 76 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް ތިންވަނައިގައި މިވަގުތު އޮތީ 35 މެޗުން 75 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗަށް ލިވަޕޫލުން ނުކުތީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސަލާހްގެ އިތުރުން ޑާވިން ނުނިއޭޒާއި ޑޮމިނިކް ޒޮބޮސްލާއީ ފުރަތަމަ 11 ގައި ނުހިމަނައެވެ. އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި ނަމަވެސް، ސަލާހާ ނުލައި މެޗު ފެށުމުން އެކަމާ ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވާ އިރު، މިރޭ މެޗުގެ 79 ވަނަ މިނެޓުގައި ޔާގަން ކްލޮޕް ވަނީ ސަލާހް ކުޅުމަށް ނެރެފައެވެ.

އެވަގުތު ކްލޮޕާއި ސަލާހާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދި، އެ ދެ މީހުން މައްލަވަ ކުރަން ޖެހުނީ ޓީމުގެ އެހެން ކުޅުންތެރިންނެވެ.

ވެސްޓްހަމްއިން މިރޭ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ލީޑު ނެގިއެވެ. އެ ގޯލު ޖެރޮޑް ބޮވެން ޖެހި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މުހައްމަދު ކުޑޫސްއެވެ. އެ ގޯލާއެކު ފުރަތަމަ ހާފުގައި ވެސްޓް ހަމްއިން ލީޑު ނެގި ނަމަވެސް، ލިވަޕޫލުން ދެވަނަ ހާފުގައި ނަތީޖާ އަނބުރާލިއެވެ.

މެޗުގެ 48 ވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން ޖެހި ގޯލުން ލިވަޕޫލް އެއްވަރުކޮށް، 65 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ލިވަޕޫލުން ލީޑެ ނެގި ގޯލަކީ ކޯނަރެއްގައި ކޯޑީ ގަކްޕޯ ފޮނުވާލި ބޯޅައެއް، ވެސްޓް ހަމްގެ އެންޖެލޯ އޮބޮންނާ އާއި ތޯމަސް ސޫޗެކް އަދި އަލްފޯންސޭ އަރެއޯލާ ގައިގައި ޖެހި ވަން ގޯލެކެވެ.

މެޗުގައި ވެސްޓް ހަމްއިން އެއްވަރުކުރި ގޯލު އެޓީމަށް ޖަހައިދިނީ މިޝޭލް އެންތޯނިއޯއެވެ.

މިރޭ ލީގުގައި ޔުނައިޓެޑުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބާންލީ ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާ އެކު ޔުނައިޓެޑުން ޔޫރަޕްގެ ޖާގައަކަށް ކުރަމުންދާ އުންމީދަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މިވަގުތު ޔުނައިޓެޑް ތާވަލުގެ ހަވަނައިގައި އޮތީ 34 މެޗުން 54 ޕޮއިންޓާއެކުގައެވެ. ހަތްވަނައިގައި އޮތް ނިއުކާސަލް މިރޭ ޝެފީލްޑް ޔުނައިޓެޑް ބަލިކުރި އިރު، އެޓީމަށް 34 މެޗުން 53 ޕޮއިންޓް ލިބިފައިވެއެވެ.

ތާވަލުގެ 19 ވަނައިގައި އޮތް ބާންލީ ކައިރީ މިރޭ ކުޅުނު މެޗުގައިވެސް ޔުނައިޓެޑްގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް ފެނިގެން ގޮސްފައިނުވާ އިރު، އެޓީމުން ލީޑު ނެގީ މެޗުގެ 79 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އެންތަނީ ޖެހި ހިތްގައިމު ގޯލެކެވެ.

އެ ގޯލާއެކު ތިން ޕޮއިންޓުން ފުއްދާލަން ދަނިކޮށް، މެޗުގެ 87 ވަނަ މިނެޓުގައި ބާންލީއަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ އަންދްރޭ އޮނާނާ ގޯލު ދޫކޮށް ކުރިއަށް ޖެހި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޒެކީ އަމްދޫނީ ގައިގައި ޖެހުމުންނެވެ. ރެފްރީ ފުރަތަމަ ފައުލް ނުދެއްކި ނަމަވެސް، ޕެނަލްޓީ ދިނީ ވީއޭއާރްގެ އެހީގައެވެ.

ޕެނަލްޓީ ކާމިޔާބުކޮށް، ބާންލީއަށް މެޗު އެއްވަރުކޮށްދިނީވެސް އަމްދޫނީއެވެ.