އިނގިރޭސި ދެވަނަ ޑިވިޝަނުގެ ދެވަނައިގައި އޮތް ލީޑްސް ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ކުއީންސް ޕާކް ރޭންޖާސް އަތުން ބަލިވުމާ އެކު، ލެސްޓާ ސިޓީއަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގު ޔަގީންވެއްޖެއެވެ.
ޕްރިމިއާ ލީގުން ލެސްޓާ ރެލިގޭޓްވީ މިދިޔަ ސީޒަނުއެވެ. އޭގެ އެއް އަހަރު ފަހުން ލެސްޓާއިން އެނބުރި ޕްރިމިއާ ލީގަށް ގޮސްފައި ވަނީ ދެވަނަ ޑިވިޝަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. ލީގުގެ އެއްވަނައިގައި މިވަގުތު ލެސްޓާ އޮތީ 44 މެޗުން 95 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ލީޑްސްއަށް 45 މެޗުން 94 ޕޮއިންޓް ލިބިފައިވާ އިރު، ޑެނިއަލް ފާކާގެ ކޯޗު ކަމުގައި ކުޅޭ ލެސްޓާއަށް ހޯމަ ދުވަހުގެ ރޭ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ.
މިހާރު ލެސްޓާ އޮތް ފޯމަށް ބަލާއިރު، ބާކީ އޮތް މެޗުތަކުން މޮޅުވެ، 100 ޕޮއިންޓާއެކު ދެވަނަ ޑިވިޝަން ހޯދުމުގެ ފުރުސަތު އެބައޮތެވެ.
މީގެ ހަތް އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ވަނީ 2021 ވަނަ އަހަރު އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މިދިޔަ 10 އަހަރު ތެރޭގައި ލެސްޓާއިން ދެ ފަހަރަށް ޕްރިމިއާ ލީގަށް އައިސް، ޕްރޮމޯޝަން ޔަގީން ކޮށްފައިވެއެވެ. އެ ދެ ފަހަރުވެސް މުހިއްމު ރޯލެއް ކުޅެ، ލެސްޓާ ޖާޒީގައި ބޮޑު ފަހުރެއް ހޯދާފައިވާ އެއް ކުޅުންތެރިޔަކީ ޖޭމީ ވާޑީއެވެ.
ވާޑީ މި ސީޒަނުގެ މިހާތަނަށްވެސް ތަފާތު ދައްކާފައިވާ އިރު، އުމުރުން 37 އަހަރުގެ ފޯވަޑް ވަނީ މި ސީޒަނުގައިވެސް މިހާތަނަށް 18 ގޯލު ޖަހައިދީފައެވެ.
މިހަފުތާ ލެސްޓާއިން ލީގުގައި ކުޅުނު މެޗުގައި 5-0 އިން ސައުތުހެމްޓަން ބަލިކުރި އިރު، ރޭ ލީޑްސްއިން ކިއުޕީއާރް އަތުން ބަލިވީ 4-0 އިންނެވެ.
ލެސްޓާ ސިޓީ
ލެސްޓާ ސިޓީ
ލެސްޓާ ސިޓީ
ލެސްޓާ ސިޓީ