ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަޖިސްޓްރީ ކޮށްދީފިއެވެ.

އީސީން ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބާއްވާފައިވަނީ މި މަހުގެ ނުވަނަ ދުވަހުއެވެ. އެ ޖަލްސާގައި އެ ޕާޓީގެ މަގާމުތަކަށް ވަގުތީ ގޮތުން މީހުން ވަނީ އިންތިހާބުކޮށްފައެވެ.

ޕީއެންއެފް އުފެއްދުމަށް އީސީއަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވާ ޔާމީންގެ، ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ.

އީސީން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ބަޔާންކޮށްފައިވާ ގޮތަށް ޒެއިންގެ ނަމުގައި ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފައެވެ.