ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭަޝަނުން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިން ވިއްކަނީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް ކަމަށެވެ. އަދި ތިލަފުށިން ބިން ވިއްކަން ހުޅުވާލީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށްވެސް ބުންޏެވެ.

ތިލަފުށިން ސިނާއީ ބޭނުމަށް 108 ބިން ވިއްކާލަން އެޗްޑީސީން ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 20 ގައެވެ. އެ ބިންތަކަކީ ޒޯން އޭގެ އޭރިއާގެ ބީ ގައިވާ ނުވިކި ހުރި ބިންތަކެެވެ. އެ ބިންތަކުގެ ތެރޭގައި ހިމެނެނީ 2،500-4،999 އަކަފޫޓުގެ 64 ބިމާއި 5،000-9،999 އަކަފޫޓުގެ 42 ބިމާއި 10،000-14،999 އަކަފޫޓުގެ ދެ ބިމެވެ.

ތިލަފުށިން ބިން ވިއްކަން އަލުން ހުޅުވާލާއިރު، އެޗްޑީސީން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ފުރުސަތު ހޯދައިދިނުމަށް އިސްކަން ދޭނެ ކަމަށް ބުނެފައެވެ. އަދި ތިލަފުށީގައި ބިން ބޭނުންކުރާ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.