އިރާނުގެ އިންޓީރިއާ މިނިސްޓަރު އަހުމަދު ވަހީދީ ހައްޔަރުކޮށްދިނުމަށް އާޖެންޓީނާއިން އިންޓަޕޯލްގައި އެދިއްޖެއެވެ.

އާޖެންޓީނާގެ ބިއޮނޮސް އައިރީސް އަށް 1994 ވަނަ އަހަރު ދިން ހަމަލާގެ ފަހަތުގައި ވަނީ އިރާނުގެ އިންޓީރިއާ މިނިސްޓްރ އަހުމަދު ވަހީދީ ކަމަށް އާޖެންޓީނާގެ ކޯޓަކުން ވަނީ މީގެ ދެ ހަފުތާ ކުރިން ނިންމައިފައެވެ. 1994 ވަނަ އަހަރު އާޖެންޓީނާގައި ދިން އެހަމަލާގައި 85 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިރާނުގެ އިންޓީރިއާ މިނިސްޓްރު އަހުމަދު ވަހީދީ ވަނީ މިދިޔަ ހަފުތާގައި އެ ގައުމުގެ ރައީސް އިބްރާހިމް ރައީސީ ހިމެނޭ ހާއްސަ ވަފުދަކުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އިބްރާހިމް ރައީސީގެ ވަފުދު ބުދަ ދުވަހު ލަންކާއަށް ވަޑައިގެންފައިވާ އިރު، އަހުމަދު ވަހީދީ އެނބުރި އިރާނަށް ވަޑައިގެންފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އާޖެންޓީނާއިން އިންޓަޕޯލް މެދުވެރިކޮށް އަހުމަދު ވަހީދީ ހައްޔަރު ކުރުމަށް އެދިފައިވާ އިރު، ޕާކިސްތާނާއި ލަންކާ އަށްވެސް އާޖެންޓީނާއިން ވަނީ ހައްޔަރުކޮށްދިނުމަށް އެދިފައެވެ.

އާޖެންޓީނާގެ ފޮރިން މިނިސްޓްރީ އިން ބުދަ ދުވަހު ވަނީ އެގައުމުގެ އެދުމަށް އިންޓަޕޯލުން އަހުމަދު ވަހީދީ ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ހާމަކޮށްފައެވެ.