ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުން ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު ނަމަވެސް މަޖިލީހުގައި ބާރުގެ ބޭނުންކޮށް، ބިރު ނުދައްކާނެ ކަމަށާއި މައިނޯރިޓީއަށް އިހުތިރާމް ކުރައްވާނެ ކަމަށް ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕީޖީ ލިޑަރު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
އިންތިހާބަށްފަހު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގައި އޮންނާނެ އެއްޗެއް ނޫން ކަމަށާއި އެއީ ހާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއް ކަމަށެވެ. އެ އާރާއި ބާރު ބޭނުންކޮށްގެން ނަފުސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕްރޮގްރެސިވް ކޯލިޝަނަށް ހުރަސްއަޅައި ފިއްތުންތައް ކުރިމަތިކޮށް ނަފުސާނީ މައްސަލަތައް ކުރިމަތިކުރުވި ކަމަށްވެސް ސަލީމް ތުހުމަތު ކުރެއްވިއެވެ.
ސަލީމް ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބިފައިވާ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ އަދި މައިނޯރިޓީއަށް އިހުތިރާމުނުކޮށް އެ މީހުން ނަފުސާނީ ގޮތުން ބަލިކޮށްލަން މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރާނީ މައިނޯރިޓީއާ މަޝްވަރާކޮށް ފުރުސަތުތައް ދީގެން ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް 66 ގޮނޑި ލިބުނުއިރު އިދިކޮޅު އެމްޑީޕީއަށް ލިބުނީ 12 ގޮނޑިއެވެ. މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ބޭފުޅުންނަށް 11 ގޮނޑީ ލިބިފައިވާ އިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ލިބިފައިވަނީ ދެ ގޮނޑިއެވެ. އަދި ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ހަމައެކަނި އެ ބޭފުޅުން ކުރިމަތިލެއްވި ގޮނޑިއެވެ.
އެހެންކަމުން ޕީއެންސީއަށް ލިބުނު ގޮނޑިތަކާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ލިބުނު ގޮނޑިތަކާއެކު ސަރުކާރަށް ވަނީ ސުލަ މެޖޯރިޓީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު