ފުޓްބޯޅައިގެ މައި އިދާރާ، ފީފާއާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީގެ އޮފިޝަލުން ހިމެނޭ ޓީމުން އިއްޔެ ބައެއް ކްލަބުތަކާ ބައްދަލުކޮށްފިއެވެ.
ފީފާގެ އޮފިޝަލަކާއި އޭއެފްސީގެ އޮފިޝަލުން ހިމެނޭ ޓީމެއް ހޯމަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ ފުޓްބޯޅައިގެ ހާލަތު ދެނެގަނެ، އެފްއޭއެމް އިދާރީ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.
އެފްއޭއެމްގެ އިންތިހާބު، މިދިޔަ ތިންމަހު ތެރޭގައި ދެ ފަހަރު ބާއްވަން އުޅެގެންވެސް އެކަން ހުއްޓުވީ ފީފާއާއި އޭއެފްސީގެ އެންގުމަށެވެ. އެއީ އިންތިހާބުގެ އިޖުރާއަތްތަކުގެ މައްސަލަތަކުގެ އިތުރުން އިންތިހާބަށް އެފްއޭއެމްގެ މިހާރުގެ ވެރިން ނުފޫޒު ފޯރުވައި ގިނަ މައްސަލަތަކެއްވެސް ކުރިމަތިވުމާއެކުގައެވެ. އޭގެ އިތުރުން އެފްއޭއެމްގެ ތެރޭގައި މި ވަގުތު ގިނަ މައްސަލަތަކެއް އޮތް އިރު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަވެސް ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.
އެފްއޭއެމް އިން އެންމެފަހުން ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސްގައި ބައިވެރިވުމަށްވެސް އުނދަގޫތަކެއް ބައެއް ކްލަބުތަކަށް ދިމާވެފައިވާ އިރު، އެ ކްލަބުތަކަކީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅާފައިވާ އެ އިދާރާގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީއަށް ތާއީދުކުރާ ކްލަބުތަކެވެ.
އިއްޔެ ފީފާއާއި އޭއެފްސީގެ ޓީމުން ބައްދަލުކޮށްފައި ވަނީ އެ ކްލަބުތަކާއެވެ. މާގިރި ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ކުޑަ ހެންވޭރު ޔުނައިޓެޑް، ބީޖީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އެލްޓީ، ސީބީއެލް، ކްލަބް ޕީކޭ، އަދި މަހިބަދޫ ސްޕޯޓްސްގެ މަންދޫބުން ބައިވެރިވިއެވެ. އެ ބައްދަލުވުމުގައި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި ތޯރިގުވެސް ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ފީފާއާއި އޭއެފްސީގެ ޓީމުން ވަނީ ކްލަބުތަކުގެ ފަރާތުން މައުލޫމާތު ހޯދައި، ކްލަބުތަކުގެ ޝަކުވާތައް އަޑު އަހައިފައެވެ. "ވަން ސްޕޯޓްސް"އަށް ކްލަބެއްގެ މަންދޫބަކު ވިދާޅުވީ ފީފާއާއި އޭއެފްސީގެ ޓީމުން ގިނަ ކަންތައްތަކެއް ސާފުކޮށް، ރިޕޯޓެއް އެކުލަވާލަން މަސައްކަތް ކުރާކަން ފާހަގަކުރި ކަމަށެވެ.
ފީފާއާއި އޭއެފްސީގެ ޓީމުން ރާއްޖެއަށް ކުރާ ދަތުރުގައި އެފްއޭއެމްގެ ވެރިންނާވެސް ބައްދަލުކޮށްފައިވާ އިރު، މިއަދު ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާއެކު ވެސް ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް