ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެންގި މައްސަލަ އިސްތިއުނާފު ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 25 ޑިސެމްބަރު 2022 ގައެވެ.

އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އެ މައްސަލައިގައި މިދިޔަ ހަފުތާގައި ހައިކޯޓުން ނިންމީ، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް އަންނަ ހަފުތާގައި އެކަމަށް ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.