މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހުވައި ކުރައްވާނީ އަންނަ މެއި މަހުގެ 28 ވާ އަންގާރަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަސްލަމް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ އަންނަ މެއި މަހުގެ 28 ގައި މަޖިލިސް މެންބަރުން ހުވައި ކުރުމުގެ ތައްޔާރީތައް މަޖިލިސް އިދާރާއިން ކުރަމުންދާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ހިނގާނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން މަޖިލީހުން އެހެން ގޮތަކަށް ކަނޑަަނާޅާ ހިނދަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 13 ގައި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެހާތަނަށް މަޖިލީހުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ލިބުނު 20 ވަނަ މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް 66 ގޮނޑި ވަނީ ލިބިފައެވެ. މި އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ބޭފުޅުންނަށް 11 ގޮނޑީ ލިބިފައިވާ އިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ލިބިފައިވަނީ ދެ ގޮނޑިއެވެ. އަދި ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ހަމައެކަނި އެ ބޭފުޅުން ކުރިމަތިލެއްވި ގޮނޑިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު