ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި، ބާސެލޯނާއިން ޖެހި ކަމަށް ބުނާ ގޯލެއް ނުދިން މައްސަލައިގައި، މެޗު އަލުން ކުޅެން އެދެން ޖެހިދާނެ ކަމަށް ބާސާއިން ބުނެފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު ކްލެސިކޯ މެޗުގައި ރެއާލް ކައިރިން ބާސާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗު 2-2 އިން އެއްވަރުވެފައި އޮއްވައި ލަމީން ޔަމާލް ފޮނުވާލި ބޯޅައެއް ގޯލު ތެރެއަށް ވަންނަމުން ދަނިކޮށް ރެއާލްގެ ގޯލްކީޕަރު އަންދްރީ ލުނިން އަތުން ބޯޅަ ބޭރުކޮށްލީ ރޮނގު މަތިން ކަހަލަ ގޮތަކަށެވެ. އެ ބޯޅަ ގޯލު ރޮނގު ހުރަސް ކުރި ކަމަށް ބާސާއިން މެޗު ތެރޭގައި ޝަކުވާ ކުރި ނަމަވެސް، ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.
ލަލީގާގައި ވީއޭއާރް ބޭނުންކުރި ނަމަވެސް، ގޯލް ލައިން ޓެކްނޮލޮޖީ ބޭނުން ކުރަން އަދި ފަށައިފައެއް ނުވެއެވެ. އެހެންކަމުން ރެފްރީ ނިންމީ ވީޑިއޯގެ ބޭނުން ނުހިފައި އެ ނިންމުން އެ ހިސާބުން ދޫކޮށްލުމަށެވެ.
އެ މައްސަލައިގައި ބާސާގެ ރައީސް ވަނީ އިއްޔެ ވާހަކަ ދައްކަވައިފައެވެ. ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ ގޯލުގެ މައްސަލައިގައި، ރެފްރީންގެ އޯޑިއޯއާއި އެކިއެކި ކެމެރާތަކުގެ ވީޑިއޯ ފުޓޭޖް ބޭނުންވާތީ، އެކަމަށް އެދިފައިވާނެ ކަމަށެވެ. އަދި ވީޑިއޯއާއި އޯޑިއޯ އެނަލައިސްކޮށް، ރެފްރީން ގޯހެއް ހެދި ކަމަށް ފެންނަ ނަމަ، އެކަމަށް ގާނޫނީ ގޮތުން ކުރެވެން އޮތް މަސައްކަތްތައް ފަށާނެ ކަމަށްވެސް ލަޕޯޓާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މެޗު އަލުން ކުޅެން އެދެން ޖެހިއްޖެ ނަމަ، އެކަން ކުރަންވެސް ތައްޔާރު ކަމަށާއި ރެފްރީންނަށް ދިމާވާ ދަތި ހާލަތްތައް ކުޑަކުރަން ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭ ކަމަށެވެ. ލަޕޯޓާ މެޗު އަލުން ކުޅެން އެދޭނެ ކަމަށްބުނެ، ބެލްޖިއަމް ޕްރޯ ލީގުގެ މެޗަކަށް ރިއާޔަތްކޮށްފައިވެއެވެ.
އެއީ މި ސީޒަނުގައި ބެލްޖިއަމް ޕްރޯ ލީގުގައި އަންދްރަލެޗާއި ޖެންކް ވާދަކުރި މެޗުގައި ވިއޭއާރް ގޯހެއް ހެދުމުން، އެ މެޗު އަލުން ފުލްކޮށް ކުޅުވާފައިވާތީއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ