ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަސް (އެމްޑީއޭ)ގެ ލީޑަރު، މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާމިގިލި ދާއިރާގެ ގޮނޑި ގާސިމް ކާމިޔާބު ކުރެއްވީ 53.29 ޕަސެންޓް ވޯޓުންނެވެ. އެ ދާއިރާގެ މެމްބަރުކަން އޭނާ ކުރައްވާނެ މިއީ ހަތަރު ވަނަ ފަހަރެވެ. އޭގެ ކުރިން ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ގާސިމް ކުރެއްވިއެވެ.

މީދޫ ދާއިރާގެ ގޮނޑި ސިޔާމް ކާމިޔާބު ކުރެއްވީ 69.23 ޕަސެންޓް ވޯޓުންނެވެ. މިއީ ސިޔާމް މަޖިލީހުގެ ގޮނޑި ދިފާއުކުރެއްވި ފަސް ވަނަ ފަހަރެވެ.

ސިޔާމް އާއި ގާސިމްގެ އިތުރުން ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޭދަފުށި ދާއިރާގެ ގޮނޑި، މިހާރު ވެސް އެ ދާއިރާގެ މެމްބަރުން ކަން ކުރައްވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ ކާމިޔާބުކުރައްވައިފަ އެވެ. މިއީ އޭނާ އެ ގޮނޑި ކާމިޔާބުކުރެއްވި ހަތަރު ވަނަ ފަހަރެވެ.