މިއަދު ވޯޓުލުން ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސާފު އަގުލަބިއްްޔަތު ލިބޭތަން ފެންނަމުން އަންނަ ކަމަށް އެ ޕާޓީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވީ، ހާއްސަކޮށް ބޮޑެތި ސިޓީތަކުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެންނަމުން އަންނަ ކަމަށެވެ.

އޭގެ އިތުުރުންވީ އެންމެ އަވަހަކަށް ވޯޓުލާން ނުކުމެ ވީހާވެސް ގިނަ ބަޔަކު ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"އިލްތިމާސަކީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވީހާވެސް އަވަހަކަށް ވޯޓު ލެއްވުން. މިއީ ގާނޫނީ ގޮތުން ލިބިފައިވާ ވަރަށް ބޮޑު ހައްގެއް، އެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ކޮންމެ ރައްޔިތަކު ބޭނުންކުރުމަކީ ގައުމުގެ މަސްލަހަތައްޓަކައި، ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް،" ސޯލިހު ވިދާޅުވިއެވެ.