ޕްރިމިއާ ލީގުގެ ކްލަބުތަކުން އެޖެންޓް ފީގެ ގޮތުގައި ކޮށްފައިވާ ހަރަދުތައް މާބޮޑަށް އިތުރުކޮށްފައިވާތީ، އެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފާޑު ކިޔައިފިއެވެ.
ފްރިމިއާ ލީގުގެ ޓީމުތަކުން މި ސީޒަންގެ މިހާތަނަށް ޓްރާންސްފާ އެޖެންޓުންނަށް ޖުމުލަ އެކު، 409.5 މިލިއަން ޕައުންޑް ދީފައިވެއެވެ. އޭގެ އިތުރުން ޕްރިމިއާ ލީގުގެ ކްލަބުތަކުން ކްލަބުތަކުގެ ކުޅުންތެރިން ގަންނަން، ޓްރާންސްފާ ފީގެ ބޭރުން 25.8 މިލިއަން ޕައުންޑް ބޯނަސް ދޭން ހަރަދުކޮށްފައިވެއެވެ.
އޭގެ ކުރިންވެސް އިނގިރޭސި ކްލަބުތަކުގެ އެޖެންޓް ފީގެ ހަރަދު ބޮޑުކަމުން އެކަމާ ފީފާއިން ވަނީ ކަންބޮޑުވެފައެވެ. 2023 ވަނަ އަހަރު ކްލަބުތަކުން ޑިސެމްބަރާ ހަމައަށް، 702 މިލިއަން ޕައުންޑް އެޖެންޓުންނަށް ހަރަދު ކޮށްފައިވާ އިރު، އެ ހަރަދު ހުއްޓުވަން ފީފާއިން ދަނީ ގާނޫނީ ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، އެކަމަށް އަދި ފަހި ގޮތެއް ހޯދިފައެއް ނުވެއެވެ.
އެޖެންޓުން ފީއަށް ކުރާ ހަރަދާ މެދު ވާހަކަ ދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ބުނެފައި ވަނީ އެޖެންޓުން ފީއަށް ދޭ ފައިސާއަކީ ފުޓުބޯޅައިގެ ތެރެއިން ގޯސް ގޮތަކަށް ބޭރުވެގެންވާ ފައިސާ ކަމަށެވެ. އިންފަންޓީނޯ ބުނީ އެޖެންޓުންނަށް ހޭދަކުރާ ފައިސާ ހަރަދުކުރަން ޖެހޭނީ ރަނގަޅު ގޮތުގައި ކުޅުންތެރިން ތަމްރީނުކުރާ، ކުރިއެރުންތައް ހޯދާ ޓީމުތަކަށް ލިބޭނެ ކަހަލަ ނިޒާމަކުން ކަމަށެވެ.
އިންފަންޓީނޯ ވިދާޅުވީ ފައިސާގެ ތަނަވަސްކަން ކުޑަ ކްލަބުތަކަށް މިހާރު އޮތް ޓްރާންސްފާ ސިސްޓަމުގައި ކެތްކޮށް ނުލެވޭނެ ކަމަށާއި، އެޖެންޓް ފީގެ ގޮތުގައި ދޭ ފައިސާ ކުޅުންތެރިން ކުރިއެރުމަށް ހޭދަކުރާނެ ސިސްޓަމެއް ގާއިމުކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ކްލަބުތަކުން ދޭ ފުރުސަތު އިތުރުކުރުމަށްވެސް ޓްރާންސްފާގެ ނާޖައިޒު ފީތަކުން ސަލާމަތްވާން ޖެހޭ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.
އިންފަންޓީނޯ އިތުރަށް ވިދާޅުވީ ޓްރާންސްފާގެ އުސޫލުތަކަށް ހެޔޮ ބަދަލެއް ގެންނަން، ހާއްސަ ގަވާއިދުތަކެއް އެކުލަވާލަން މަސައްކަތް ކުރާ ކަމަށާއި، ޓްރާންސްފާގެ ކަންކަން ހާމަކަން ބޮޑުވާން ޖެހޭ ކަމަށެވެ. އަދި ކްލަބުތަކުން ފައިސާ ހޭދަކުރާ ގޮތް ސާފުވާން ޖެހޭ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ