އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ފެންނަނީ ބަދަލު ހިފުމުގެ ރޫހު ކަމަށާއި އެމީހުންގެ ވިސްނުމަކީ ސަރުކާރު ބަދަލު ކުރުމުގެ ވިސްނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މި ގައުމަށް ހަމަޖެހުން އަންނަން ކަމަށާއި ހަމަޖެހުން ނެތި ހަގީގީ މާނައިގައި ގައުމަށް ކުރިއެރުން ނުގެނެވޭނެ ކަމަށެވެ.

"މަޖިލީހަށް އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތް ކުރާ، ބަދަލު ހިފުމުގެ ރޫހު ގެންގުޅޭ ބަޔަކަށް ފުރުސަތު ދީގެން ފެންނާނީ ދެކޮޅު ހެދުން. ހަމަނުޖެހުން ކޮންމެ ދުވަހަކު ފެންނާނީ ސަރުކާރަށް ހުރަސް އެޅުން. މިދިޔަ ފަސް މަހު ވެސް ފެނުނީ އެ މަންޒަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ފަސް މަސް ދުވަހު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި މަންޒަރު ފެނިގެން ގޮސްފައެއް ނުވާނެ ކަމަށެވެ.

"މީގެ ކުރިން ފެނުނީ ކޮންތަނެއްތޯ. ރައީސްކަން ކުރައްވައިފިއްޔާ އޮޓޮމެޓިކް ކޮށް ޖަލަށް. މި ސަރުކާރުގެ ތެރެއިން ފެނޭތަ އެކަން. ނުފެންނާނެ. އަޅުގަނޑު ބޭނުންވަނީ ހަމަޖެހުން ގާއިމުކުރަން ބަދަލު ހިފުމުގެ ރޫހު ތާ އަބަދަށް މި ގައުމުން ނެތިގެންދާން. އެ ވިސްނުމުގެ ކެނޑިޑޭޓުން އަޅުނޑުމެންގެ ފަރާތުން މި ތިއްބެވީ، އިދިކޮޅުން ފެންނަނީ ބަދަލު ހިފަން ހުރިހާ ވާހަކައެއް ވެސް ބަދަލު ހިފަން، އަޅުގަނޑުމެންނާ ދެކޮޅަށް ބަދަލު ހިފަން ސަރުކާރު ބަދަލުކުރުމުގެ ވިސްނުން. އަޅުގަނޑުމެންގެ ވަޒީރުން ވަކި ކުރުމުގެ ވިސްނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަދަލު ހިފުމުގެ ވިސްނުމުގައި ތިބި ބަޔަކަށް މަޖިލިސް ދިނުމުގެ ވިސްނުން ރައްޔިތުން ގެންގުޅެގެން ނުވާނެ ކަމަށެވެ. ބަދަލު ހިފުން ހުއްޓުވުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ތެދުވެރިކަމާއި އިހުލާސްތެރި ވިސްނުމުގައި މަސައްކަތް ކުރާ ކެނޑިޑޭޓުން ހޮވައިދީގެން ކަމަށެވެ. އެއީ ސަރުކާރުގެ ކެނޑިޑޭޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.