ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެންމެ އިސްކަމެއް ދީގެން ކުރާނީ މި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ތެރެއިން ދޫކުރި ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުގެ ކުށުގައި ކުރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ވަނީ ބާތިލުކޮށްފައެވެ.

ހައި ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަންކަމެއް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެއްވެސް ފެންވަރެއް ނެތް މީހުންނަށް ވަޒީފާ ދިނުމާއި ތައުލީމީ ޒުވާނުން ބާކީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ވަކި އާއިލާތަކެއްގެ މީހުންނަށް ތައުލީމާއި ތަޖުރިބާ ނެތަސް މި ސަރުކާރުން ވަޒީފާ ދީފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުން ވަނީ ހިއްކާފައިވާ ބިންތަކެއް ބޭރުގެ ބަޔަކަށް ވިއްކާލާފައި ކަމަށާއި އެފަދަ ކަންކަން ގަބޫލުނުކުރެއްވޭނެ ކަމަށެވެ. އެ ހުރިހާ ކަންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ގޯސް ކަންތައްތަކެއް ހިނގާނަމަ ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވާނެ ކަމަށެވެ.

"އެކަމަކު ރައްޔިތުންނަށް ގެއްލޭ ބޮޑެތި މަސްލަހަތު ތަކާ ދައުލަތުގެ މުދަލަށް ނާއިންސާފުން ކަންތައް ކުރާ ގޮތަށް އަޅުގަނޑުމެން ވަރަށް ފާމް ވާނެ، އެފަދަ ކަންކަމުގައި ސަރުކާރަށް ތާއީދު ނުކުރާނެ. މިހާރު ވެސް އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެއީ. އަޅުގަނޑުމެން ނުކުމެ ޝަހުސީ ގޮތުން، ޒާތީ ގޮތުން ރައީސް މުއިއްޒަށް ފާޑުކިޔަނީ އެއް ނޫން. އެ ކުރައްވާ މަސައްކަތްޕުޅަށް ފާޑު ކިޔަނީ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން އެންމެ ބާރަށް ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނުގެ އަޑު މިހާރު އެއްގޮތަކަށް ވެސް ނުއިވޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިންތަކެއް ތިބުމަކީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ނެރުއްވި ގަރާރު، މި ސަރުކާރުން އަދިވެސް ބާތިލުނުކުރާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ވެސް މި ސަރުކާރުން މާބޮޑު މަސައްކަތެއް ނުކުރާ ކަމަށެވެ.

"ރައީސް މުއިއްޒު ވެސް ހިމެނޭ ގޮތަށް، އަޅުގަނޑުމެން އިދިކޮޅުގައި ތިބި އިރު، އަޅުގަނޑުމެން ބުނަމުން ދިޔައީމޭ، ރައީސް ސޯލިހު ނެރުއްވި އިންޑިއާ އައުޓް ގަރާރު، އެއީ ގާނޫނު އަސާސީއާ ހިލާފު ގަރާރެކޭ، އަޅުގަނޑުމެން ސަރުކާރު އައިސް ކީއްވެގެންހޭ ދިފާއު ކުރަނީ، ކީއްވެގެންހޭ އިންޑިއާ އައުޓް ނުކިޔެވެންވީއޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ އިސްތިއުނާފީ މައްސަލަ ލަސްވުމުގެ ސަބަބުން އެ މަނިކުފާނުގެ ގިނަ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ. އެމްޑީޕީން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ރައީސް މުއިއްޒު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ހުކުމްކުރުން ލަސްވާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެމްޑީޕީން ހުށަހެޅުން އެކަން ގަބޫލު ނުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިއަދުގެ ގައުމުގެ ރައީސް ވެސް އެ ވިދާޅުވީ އެމްޑީޕީއިން ކޯޓަށް ނުފޫޒު ފޯރުވައިގެން މިއަދު މި އަވަސް ކުރީމާ ތިމަންނަ އަކަށް އެކަން ގަބޫލެއް ނުކުރެވެޔޭ. އެހެންވީމާ އޭގެ މާނަޔަކީ މި އޮވެގެން ދާނެގޮތަކަށް ދާން އިންތިޒާރު ކުރެއްވިއްޔޭ." ޔާމީން ވިދާޅުވި އެވެ.

އިސްތިއުނާފު ލަސްވެގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުގެ ސަބަބުން މާބޮޑު ކަންބޮޑުވުންތަކެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ނަމަވެސް ވަރަށް ބައިވަރު ހައްގުތަކެއް ގެއްލިގެން ދިޔައީ،" ޔާމީން ވިދާޅުވިއެވެ.