އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުން މިއަދު ބާތިލުކޮށް، އެ މައްސަަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން ހުކުމްކޮށްފިއެވެ.
ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ދައުލަތުން ޔޫސުފް ނައީމުގެ މައްޗަށް ކުރި ދައުވާއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އޭނާގެ ހިއްސާ އޮންނަ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑަށް ވ. އާރަށް ކުއްޔަށް ލިބޭނެ އިންތިޒާމުގެ މުގާބިލްގައި، އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް، 15 ސެޕްޓެމްބަރު 2015 ވަނަ ދުވަހު އޭނާގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްގެ ޗެކަކުން 1.1 މިލިޔަން އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ދިން ކަމަށް ކުރި ދައުވާއެކެވެ.
ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމާއި އެހެނިހެން މާލީ މަސްލަހަތެއް އެއްވެސް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ހުކުމުގައިވެއެވެ.
މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލައިގައި ޔޫސުފް ނައީމުގެ ފަރާތުން އިސްތިއުނާފީ ހަތަރު ނުކުތާއެއް ހައިކޯޓަށް ހުށަހެޅިއެވެ.
އޭގެ ތެރޭގައި ދަށު ކޯޓުގައި މައްސަލަ ކުރިއަށް ދަނިކޮށް، ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ޝަރީއަތަށް ބަލައިގަތް މައްސަލަ ހިމެނެއެވެ.
ޔޫސުފް ނައީމުގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ، އެގޮތަށް ދިފާއުން ހުށަހެޅި ހެކި ނަފީކުރުމަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ޝަރީއަތަށް ބަލައިގަނެ ކޯޓުން އެއަށް ރިއާޔަތް ކޮށްފައި ވަނީ ޖިނާއި އިޖުރާއަތުގެ ގާނޫނާއި ގާނޫނުއަސާސީގެ 145 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި އެއީ ގާނޫނުގައި އޭރު ނެތް ފުރުސަތެއް ދައުލަތަށް ދިނުން ކަމަށާއި އެކަމުގެ ސަބަބުން ޔުސުފް ނައީމުގެ ދިފާއީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ޔޫސުފް ނައީމުގެ ފަރާތުން ޔާމީނަށް ފައިސާ ދިނީ ޔޫސުފް ނައީމުގެ ހިއްސާ އޮތް ކުންފުންޏަކަށް އާރަށް ލިބޭނެ އިންތިޒާމު ޔާމީންގެ ފަރާތުން ހަމަޖައްސައިދިނުމުގެ މުގާބިލުގައި ކަމަށް ދައުލަތުން ދައުވާކޮށްފައިވާ އިރު ރިޝްވަތުގެ ކުށް ޔޫސުފް ނައީމުގެ މައްޗަށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ވަނީ، ރިސޯޓު ހަދަން ތިންވަނަ ފަރާތަކަށް ރަށެއް ދިނުމަކީ ރައީސްގެ ރަސްމީ ހައިސިއްޔަތު ނުވަތަ ރަސްމީ ވާޖިބުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޔޫސުފް ނައީމަށް ގަބޫލުކުރެވެންޖެހޭ ސަބަބެއް ގާނޫނުލްއުގޫބާތާއި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާ ހާލަތުގައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ދަށު ކޯޓުގައި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު، އަދަބާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ޔޫސުފް ނައީމަށް ދިން ދޮޅު ގަޑިއިރުގެ ވަގުތަކީ، ސުޕްރީމް ކޯޓުން ކަނޑާފައިވާ އުސޫލުގެ ދަށުން ޝަރީއަތަށް ބޭނުންވާ ހުށަހެޅުމެއް ހުށަހަޅަން އެކަށީގެންވާ ވަގުތެއް ނޫން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އަދި އެކަމަށް ވަސީލަތް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ މައްސަލައިގައި ނައީމުގެ މައްޗަށް ކުރި ޖަލު ހުކުމް ލުއިކޮށްދޭން ހުށަހެޅި ސަބަބު ސާފުކޮށް ދިނުމަށް ފުރުސަތު ނުދިން މައްސަލަވެސް އިސްތިއުނާފްގެ ނުކުތާއެއްގެ ގޮތުގައި ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅިއެވެ. އަދި އެ މައްސަލައިގައި ޔޫސުފް ނައީމުގެ މައްޗަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ގާނޫނުލްއުގޫބާތާ ހިލާފަށް ކަމަށްވެސް ހައިކޯޓަށް ހުށަހެޅިއެވެ.
ޔޫސުފް ނައީމުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ ބަލައި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒެއިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ފަނޑީޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު ހަސަން ޝަފީއު އިއްވެވި މި ހުކުމްގައި ވަނީ، ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކި ބަލައިގަތުމަށް ދަށު ކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ. އަދި އެ ހެކިތައް ބަލައިގެންފައި ވަނީ ގާނޫނުގައި ނެތް އިޖުރައާތެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ އެ ހެކިތައް ބަލައިގަންނަންޖެހޭ ހަގީގީ ސަބަބެއް އޮތްކަން ބުނެދެވިފައިނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ. އަދި އެ ހެކިތައް ބަލައިގަތީ ގާނޫނުގައި ނެތް އިޖުރާއަތުތަކެއްގެ މައްޗަށް ކަމަށާއި އެ ނިންމުން ނިންމި ގޮތެއްވެސް ތަފްސީލު ކޮށްދިނުމެއް ނެތި ކަމަށާއި އެއީ ވިޔާދާކަމެއް ނޫންކަމަށްވެސް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
އެ ހެކިތަކަށް ތައުނު ކުރުމުގެ ފުރުސަތު ދިފާއަށް ދިނުމެއް ނެތި، ހެކި ބަލައިގަނެފައިވަނީ، އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި އެއީ ދަށު ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރު ހައްދަވާފައިވާ ގޯހެއް ކަމަށްވެސް ބުނެފައިވެއެވެ. އެކަމުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ ފުރުސަތު ދިފާއަށް ގެއްލިފައިވާ ކަމަށްވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމަކީ ރައީސް ޔާމީންގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއް ކަން ބުނެދެވިފައިނުވާ ކަމަށް ދިފާއުން ދަށު ކޯޓުގައި ބުނެފައިވާ އިރު، އެކަންކަމާ މެދު ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.
އެހެންކަމުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދެއްވި އެއް މިލިއަން ޑޮލަރަކީ ހުއްދަ ނޫން މަންފާއެއްގެ ގޮތުގައި ދޭ ފައިސާއެއް ކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް އެނގެންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. ދަށުން ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެކަމަށް އަލިއަޅުވާލާފައިނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން ރިޝްވަތަކަށް ވާނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ދިނުން ކަމަށް ވާއިރު، ރަށްތައް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްކަން ކުރުމިނަލް ކޯޓުން ބަޔާން ކޮށްދީފައިނުވާ ކަމަށާއި އެހެންކަމުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދެއްވި އެއް މިލިއަން ޑޮލަރަކީ ހުއްދަ ނޫން މަންފާއެއްގެ ގޮތުގައި ދޭ ފައިސާއެއް ކަން ޔޫސުފް ނައީމަށް އެނގޭ ކަން ދަށު ކޯޓުގެ ހުކުމުން އެނގެން ނެތް ކަމަށް ހުކުމުގައިވެއެވެ.
އަދަބާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ޔޫސުފް ނައީމަށް އެކަށީގެންވާ ފުރުސަތު ނުދޭ ކަމަށް ހުށަހެޅި ނުގުތާގައި ފަނޑިޔާރު ވިދާޅުވީ، އެކަމަށް ބޭނުންވާ ވަގުތާއި ވަސީލަތްތައް ދަށުން ދެއްވާފައި ނުވާތީ އަދަބާ ގުޅޭގޮތުން ހަރުދަނާ ހުށަހެޅުމެއް ހުށަހެޅުމަށް ފުރުސަތު ލިބިފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވުމުގެ ފަހަތުގައިވާ ގާނޫނީ އަސާސްވެސް ބަޔާންކޮށްދެވިފައިނުވާ ކަމަށް ވެސް ހުކުމްގައިވެއެވެ.
ފަނޑިޔާރު ވިދާޅުވީ އެ އަމަލުތަކުގެ ސަބަބުން މި މައްސަލައިގައި އިންސާފު ގާއިމް ކުރެވިފައިވާ ކަމަށް އިހުސާސް ނުކުރެވޭ ކަމަށެވެ.
އެހެންކަމުން ކުރިމިނަލް ކޯޓުން ޔޫސުފް ނައީމުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، މި މައްސަލައިގައި ނުބެލި ހުރި ހެކިތަކާއި ކަންތައްތަކަށް ރިއާޔަތްކޮށް އެ މައްސަލަ އަލުން ބެލުމަށް، ކުރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު