ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހަައްލު ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުއްޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް އެ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ ދިމާވެ، އެކަމުގެ ތަކުލީފުގައި ރައްޔިތުން އުޅޭތާ މަހެއްހާ ދުވަސް ވެފައިވާއިރު، އެ މައްސަލަ ހައްލު ނުކުރެއްވި އެންމެފަހުން ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް މާލެއިން ކުޅުދުއްފުއްޓަށް ގޮސް، މައްސަލަ ހައްލުކުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ނަމަވެސް ކަރަންޓު ކެނޑެން ދިމާވި މައްސަލަ އަދިވެސް އެއްކޮށް ހައްލު ކުރެވިފައެއް ނުވެއެވެ.
ފަހުމީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި އެކަން ރަނގަޅުކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު މާލެ އައިސްފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯ އިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ އަށް މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ހިދުމަތެއް ގާއިމުކޮށްދޭނެ ކަމަށެވެ. އަދި އެކަން ހާސިލު ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު