ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ.
ހައި ކޯޓުން ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 11:00 އަށެވެ.
ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހުބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް އިއްވުމަށް ދިނީ 30 މިނެޓެވެ.
އަޑުއެހުން ނިންމާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމްކުރަން ޖެހެއެވެ. ނަމަވެސް ޔާމީންގެ މައްސަލައިގައި ހުކުމް ނުކޮށް، ހައި ކޯޓު ވަނީ އެއް މަސް ދުވަހަށް ރިސެސްއަށް ގޮސްފައެވެ.
ރިސެސް ނިންމާލުމަށްފަހު ހައި ކޯޓުގެ މަސައްކަތްތައް އަލުން ފެށި ނަމަވެސް، ޔާމީންގެ މައްސަލަ ތާވަލުކޮށްފައެއް ނުވެއެވެ. އެފަހުން މިއަދާ ހަމައަށް ފަސް މަސް ވަނީ ވެފައެވެ. ޔާމީންގެ މައްސަލައިގެ ހުކުމްކުރުން ލަސްވާތީ އެ މަނިކުފާނާއި ވަކީލުންގެ ޓީމުން އަދި ޕީޕީއެމް/ޕީއެންސީން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މައްސަލައިގެ ހުކުމްކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ހުކުމްކުރުން ލަސްވާ ސަބަބު ދެނެގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިދިޔަ އާދިއްތަ ދުވަހު މައްސަލައެއް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު