މެންޗެސްޓާ ސިޓީން ބޭނުންވަނީ މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީ ތަކުރާރުކުރަން ކަމަށާއި ޓީމުގެ ހިތްވަރަކީ އެއީ ކަމަށް މިޑްފީލްޑަރު ބަނާޑޯ ސިލްވާ ބުނެފިއެވެ.
ސިޓީން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕްވެސް ކާމިޔާބުކޮށް ތާރީހު ލިޔެލިއެވެ. ސިޓީއަކީ 1999 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން "ޓްރެބަލް" ކާމިޔާބުކުރި ފަހުން، އެ ބޮޑު ކާމިޔާބީ ހާސިލުކުރި ފުރަތަމަ ޓީމެވެ.
ސިޓީން މިހާރުވެސް ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތްއިރު، އެފްއޭ ކަޕް ހޯދަންވެސް ފުރުސަތު އެބަ އޮތެވެ. އެފްއޭ ކަޕްގައި ސިޓީއަށް ދެން އޮތީ ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑް ބަލިކޮށް، ކުރިއަށް ދާނެ ފުރުސަތުވެސް އެބަ އޮތެވެ. ރެއާލް ދަނޑުގައި ސިޓީން ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ ލެގު އޮތީ 3-3 އިން އެއްވަރުވެފައެވެ.
"އަހަރެމެން ބޭނުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށްވެސް ލީގު ކާމިޔާބުކުރަން. އަދި ޗެމްޕިއަންސް ލީގު ދިފާއުކޮށް، އަނެއްކާވެސް ޓްރެބަލް ހޯދައި، ލެގަސީއެއް އުފައްދަން. އެ ލެގަސީ ވެގެންދާނީ ކްލަބެއްގެ ތާރީހުގައި އެންމެ ބޮޑު ލެގަސީއެއް،" މިރޭ މެޗާ ގުޅިގެން ވާހަކަދައްކަމުން ޕޯޗުގަލް މިޑްފީލްޑަރު ސިލްވާ ބުންޏެވެ.
ސިޓީއަކީ އެފްއޭ ކަޕާއި ލީގު އަދި ޗެމްޕިއަންސް ލީގުގެ ފެވަރިޓުންގެ ގޮތުގައި އޮތް އިރު، އެ ޓީމުގެ ފަރާތުންވެސް މި ސީޒަނުގައި މާޔޫސީ ބައެއް ވަގުތުތައް ފެނިގެން ގޮސްފައިވެއެވެ. ސިލްވާގެ ނަޒަރުގައި ސިޓީގެ ސްކޮޑަށްވެސް ވަރުބަލިކަން ދިމާވެއެވެ.
"ސިޓީއަށްވެސް އައިސްފި ބަދަލުތަކެއް. އެއީ އަނިޔާގެ ސަބަބުން އައި ބަދަލުތަކާއި ކުޅުންތެރިން ބަދަލުވުން އައި ބަދަލުތައް. އަދި މިދިޔަ ސީޒަނުގެ ވަރުބަލިކަންވެސް ދިމާވާނެ. އެހެންވީމާ ބައެއް ހާލަތްތަކުގައި ސިޓީއަށްވެސް އުނދަގޫ. އަދި ރަނގަޅަށް ވަރުގަދަ ފައިޓެއް ދީގެން ނޫނީ ސިޓީއަށް ތިން ތަށި ނުވެސް ހޯދޭނެ،" ސިލްވާ ބުންޏެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ