ބާ މުސްހަފުތަކާއި ގުރުއާން ހިމެނޭ ލިޔުންތައް މާލޭ ސިޓީ ކައުންސިލުން ބަލައިގަނެ، ނައްތާލަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި ގުރުއާންގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު ދެ ފަހަރު ގޭގެއިން ގެނެސް އެ އިދާރާއާ ހަވާލުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ފަހަރު، ގޭގެއިން ގެންނަ އެފަދަ ތަކެތި އެ އިދާރާއަށް ބަލައިގަތުމުގެ އިންތިޒާމް މި މަހުގެ 27 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެއެވެ.

އެފަދަ ތަކެތި ބަލައިގަންނާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް، އާންމު ހިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި)، ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.