ފްރާންސްގައި މިއަހަރު ބާއްވާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު، ފުރަތަމަ ރޭވި ގޮތަށް ސްޓޭޑިއަމެއް ނޫން ތަނެއްގައި ނުބޭއްވި ދާނެ ކަމަށް އެގައުމުގެ ރައީސް އެމަނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.

އޮލިމްޕިކްސް 2024 ގެ ފެށުމުގެ ރަސްމިއްޔާތު މިފަހަރު ބާއްވަން އުޅުނީ ސެން ނަމަކަށް ކިޔައި ހިތްގައިމު ކޯރުގައެވެ. އެގޮތުން އޮލިމްޕިކްސްގައި ވާދަކުރާ 10،000 އަށްވުރެ ގިނަ އެތުލީޓުން، ހުޅުވުމުގެ ރަސްމިއްޔާތުގައި ހަ ކިލޯމީޓަރުގެ ކޯރުގައި ސެއިލް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެއީ 160 އުޅަނދުފަހަރެއްގައެވެ.

އެ ތާރީހީ ހުޅުވުމުގެ ރަސްމިއްޔާތު ބެލުމަށް އާންމުންގެ ތެރެއިން ހަލައްކަ މީހުންނަށް ހިލޭ ފުރުސަތު ދޭން ފުރަތަމަ ރޭވި ނަމަވެސް، މިހާރު ވިސްނާފައި އޮތީ ތިން ލައްކަ މީހަކަށް ފުރުސަތު ދޭށެވެ. އަދި މިހާރު ނިންމާފައި އޮތީ ހިލޭ ފުރުސަތު ދިނުމުގެ ބަދަލުގައި ޓިކެޓް ވިއްކައިގެން ބެލުންތެރިންނަށް ފުރުސަތު ދޭށެވެ.

އޮލިމްޕިކް ބާއްވަން ނިންމާފައިވާ ފްރާންސަށް ނިރުބަވެރި ހަމަލާއެއް ދީފާނެ ކަމަށް މިހާރުވެސް ގިނަ އިންޒާރުތަކެއް ދީފައިވާ އިރު، ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތަކުގެ ކުރިންވެސް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އެ ކަންކަމަށް ވާހަކަ ދައްކަވަމުން ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވީ މިހާރު ރާވާފައިވާ އޮތް ގޮތަށް އޮލިމްޕިކްސް ހުޅުވުން ކުރިއަށް ގެންދިޔުމަކީ ތާރީހީ އިވެންޓަކަށް ވާނެ ނަމަވެސް، ސަލާމަތީ ކަންކަމަށް ބަލައި ހުޅުވުމުގެ ރަސްމިއްޔާގެ ސްޓޭޑިއަމަކަށް ބަދަލުކުރަންވެސް ޖެހިދާނެ ކަމަށެވެ.

އަދި ހާއްސަކޮށް، މިހާރުވެސް ތައްޔާރީ ހާލަތަކަށް ޕްލޭން ބީއަކާއި ސީ އެއް އެބައޮތް ކަމަށް ވިދާޅުވެ، މެކްރޯން ވިދާޅުވީ ޕީއެސްޖީގެ ދަނޑަށް އޮލިމްޕިކްގެ ހުޅުވުން ބަދަލުކުރަން ޖެހިދާނެ ކަމަށެވެ.