މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނަށް ޕްރެޝަރަކީ ލިބޭ ހިތްވަރެއް ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިދިޔަ ސީޒަނުގެވެސް ޗެމްޕިއަން ސިޓީން މި ހަފުތާ ނިންމާލީ އަލުން އެނބުރި ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިގެންނެވެ. އެއީ އެ ޕްރިމިއާ ލީގުގެ ރޭހުގައި ސިޓީއާ އެންމެ ގާތުން ވާދަކުރަމުންދާ އާސެނަލާއި ލިވަޕޫލުން ރޭ ކުޅުނު މެޗުތަކުން ބަލިވުމާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު ސިޓީ އޮތީ 32 މެޗުން 73 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލާއި ތިންވަނައިގައި އޮތް ލިވަޕޫލަށްވެސް 32 މެޗުން 71 ޕޮއިންޓް ލިބިފައިވާ އިރު، އެ ދެ ޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ. އާސެނަލް ފައިދާ 49 ގޯލާއެކު އޮތް އިރު، ލިވަޕޫލް އަތުގައި އޮތީ ފައިދާ 41 ގޯލެވެ. ލީގަށް ވާދަކުރަމުންދާ ތިން ޓީމަށްވެސް ދެން މިހާތަނަށް ބާކީ އޮތީ ހަ މެޗެވެ.
މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައިވެސް އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، ސިޓީ ވަނީ އެންމެ ޕްރެޝަރު ވަގުތު ނަތީޖާ ނެރެ، ލީގު ނަގައިފައެވެ. އެ ޕްރެޝަރު މިފަހަރުވެސް ލީގުގައި އޮތް އިރު، ގާޑިއޯލާގެ ނަޒަރުގައި އެއީ ސިޓީ ކުޅުންތެރިންނަށް ހިތްވަރެކެވެ.
"އަހަރެމެންގެ ކުޅުންތެރިން ބޭނުންވޭ ޕްރެޝަރުގައި ކުޅެލަން. އޭގެ މާނައަކީ މިހާލަތަށް ދާން އަހަރެމެންނަށް ވަކި ފަސޭހައީކީ ނޫން. އެކަމަކު ޕްރެޝަރު އޮންނަ ހާލަތުގައި ކުޅުންތެރިން އެކަމުން ހިތްވަރު ހޯދާ. މިހާރުވެސް އަހަންނަށް ފެނޭ ބައްދަލުވުންތަކުގައިވެސް ކުޅުންތެރިންގެ ސީރިއަސްކަން ހުންނަ ވަރާއި، ކުޅުންތެރިންގެ ޖޯޝު ހުންނަވަރު،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ސިޓީ ކުޅުންތެރިންނަށް ޕްރެޝަރާ ކުރިމަތިލާން އެނގޭ ކަމަށް ބުނުމުން ދޭހަވަނީ ސިޓީއަށް ލީގު ލިބޭނެކަމުގެ ޔަގީންކަން ނޫން ނަމަވެސް، ޔަގީނުންވެސް ފަހު މެޗާ ހަމައަށް ސިޓީން ލީގަށް ވާދަކުރާނެ ކަމަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ