ހއ. ދިއްދޫ އިން ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް ކަރަންޓު ދިނުމަށް އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ރޭ ގޮވާލައި ދެއްކި ވާހަކަ، ސަރުކާރު ހިންގާ ޕީއެންސީ އިން ކުށްވެރިކޮށްފިއެވެ.

މަޖިލިސް އިންތިހާބުގައި ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ރޭ ބުނީ ކަރަންޓު ދޫކުރަންވީ ގެތަށް ބަލާފައި ވަކިވަކިން ކަމަށެވެ.

"ކަރަންޓް ދޭކަން ނަސީބެއްނު. މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން," އަބްދުﷲ ރަޝީދު ބުންޏެވެ.

އަބްދުﷲ ރަޝީދުގެ އެ ވާހަކަތައް ކުށްވެރިކޮށް ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ހަމައެކަނި ޕާޓީގެ ގެތަކަށް ކަރަންޓް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ އެ ކޯލިޝަނުންވެސް ތާއީދުކުރާ ސިޔާސަތެއް ނޫން ކަމަށެވެ.

"މި ކޯލިޝަންގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމެވެ" ބަޔާނުގައިވެއެވެ.

އެ ކޯލިޝަނުން އިތުރަށް ބުނީ، އަބްދުﷲ ރަޝީދުގެ ވާހަކަތަކާ ގުޅިގެން ޕާޓީގެ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.