އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އާސެނަލުން ކުޅުނު މެޗުތަކުންވެސް ބަލިވެއްޖެއެވެ.
ލިވަޕޫލާއި އާސެނަލަށްވެސް ލީގު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ބޭކާރުވެގެން ގޮސްފައިވާ އިރު، އެ ދެ ޓީމު ބަލިވުމުގެ ފައިދާ ނަގައި، މެންޗެސްޓާ ސިޓީން ހަފުތާ ނިންމާލީ އެއްވަނައިގައެވެ. ކްރިސްޓަލް ޕެލެސް ދަނޑުގައި ލިވަޕޫލް 1-0 އިން ބަލިވި އިރު، އާސެނަލް މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު މެންޗެސްޓާ ސިޓީ އޮތީ 32 މެޗުން 73 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލާއި ތިންވަނައިގައި އޮތް ލިވަޕޫލަށްވެސް 32 މެޗުން 71 ޕޮއިންޓް ލިބިފައިވާ އިރު، އެ ދެ ޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ. އާސެނަލް ފައިދާ 49 ގޯލާއެކު އޮތް އިރު، ލިވަޕޫލް އަތުގައި އޮތީ ފައިދާ 41 ގޯލެވެ. ލީގަށް ވާދަކުރަމުންދާ ތިން ޓީމަށްވެސް ދެން މިހާތަނަށް ބާކީ އޮތީ ހަ މެޗެވެ.
ލިވަޕޫލުން ކުޅުނު މެޗުގައި ޕެލެސް އިން ރަނގަޅަށް މެޗު ފެށި އިރު، އެ ޓީމުން ވަނީ މެޗުގެ ކުރީކޮޅުގައި ވެސް ލީޑު ނަގައިފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޓައިރިކް މިޗެލް އަރިމަތިން ކަނޑާލި ބޯޅައަކަށް އަރައި ޕެލެސްއަށް ގޯލު ޖަހައިދިނީ އެބެރެޗީ އެޒޭއެވެ.
މެޗުގެ ބާކީބައިގައި ލިވަޕޫލުން ކުޅުން ރަނގަޅުކޮށް ހަމަލާތަކަށް މަސައްކަތް ކުރި ނަމަވެސް، އެޓީމަށް ދިމާވީ ނިންމާނުލެވުމުގެ މައްސަލައެވެ. ވަޓަރު އެންޑޯގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ލުއިސް ޑިއާޒްގެ ނުރައްކާތެރި ހަމަލާ މަތަކުރީ ޕެލެސްގެ ކީޕަރު ޑީން ހެންޑަސަންއެވެ.
މިރޭ އާސެނަލުން ކުޅުނު މެޗުގެ ކުރީކޮޅުގައި އާސެނަލުން ކޮންމެވެސް ވަރަކަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މެޗުގައި ބޮޑަށް ނުރައްކާކޮށް ފެނުނީ ވިލާއެވެ.
ވިލާގެ ދެ ގޯލުވެސް ފަހު މިނެޓު ކޮޅުގައި ފެނުނު ނަމަވެސް، އޭގެ ކުރިން އެ ޓީމުން ވަނީ ގޯލު ޖެހުމާ ގާތަށް ޖެހިލައިފައެވެ. އޮލީ ވޮޓްކިންސް އާއި ޔޫރީ ތީލަމަންސްގެ ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ވިލާގެ ފުރަތަމަ ގޯލު، 84 ވަނަ މިނެޓުގައި ޖެހީ ލިއޯން ބެއިލީއެވެ.
އަދި އޭގެ ތިން މިނެޓްފަހުން ވިލާއިން މޮޅު ޔަގީންކޮށްދިނީ ވޮޓްކިންސްއެވެ. އެއި އޭނާ މި ސީޒަނުގައި ޖެހި 19 ވަނަ ގޯލެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު