ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ހޯރަފުށި ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓާ ދެކޮޅަށް ހޯރަފުށި ކައުންސިލުން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހޯރަފުށި ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ގާނޫނުން އެކައުންސިލާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ވުރެ ބޮޑަށް، ރަސްމީގަޑީގަ އާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށެވެ. އަދި މި އިންތިހާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ދަނީ ބުނަމުންނެވެ. މިއީ ކަނޑައެޅިގެން އިންތިހާބުތަކާ ބެހޭ ގާނޫނާވެސް ހިލާފުކަމެކެވެ،" ޕީއެންސީން ބުންޏެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދިނުމުގެ ގޮތުން ހޯރަފުށި ކައުންސިލުން ދަނީ އެ ކައުންސިލްގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރަމުން ކަމަށާއި އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާއި ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރަމުންދާ ކަމަށް ޕީއެންސީން ބުންޏެވެ.

ގާނޫނުތަކުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ކެމްޕެއިން ކުރުމަށް ހޯރަފުށީ ކައުންސިލަށް ގޮވައިލާ ކަމަށް ޕީއެންސީން ބުންޏެވެ. އަދި ހޯރަފުށި ކައުންސިލުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ތަހުގީގު ކުރުމަށް ގޮވައިލާ ކަމަށް ޕީއެންސީން ބުންޏެވެ.