ޅ. ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ ސިޔާސީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަން ޕީއެންސީގެ ޖަލްސާއެއްގައި ގޮވައިލި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހެޅުމުން، އެ މައްސަލަ ބަލަން ފަށައިފިއެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް އަދި މެންބަރު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ އެ ކޮމިޝަނަށް މިއަދު މެންދުރުގެ ވަގުތެއްގައި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކީ ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައެވެ.
އެ ޖަލްސާގައި ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ކިނބިދޫ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވި، އަދި ހިންނަވަރު ދާއިރާއަށްވެސް މީގެ ކުރިން ވާދަކުރެއްވި، އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ބުނީ ފެލިވަރުގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގުޅައިގެން އެއްބާރުލުން ދިނުމަށް އަންގަން ޖެހޭ ކަމަށާއި ވަޒީފާގެ ބިރު ދައްކައިގެން ނޫން ގޮތަކަށް ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށެވެ. އަދި ފެލިވަރުގެ މުވައްޒަފުން ކޮންޓްރޯލް ކުރެވޭނެ ބާރެއް އެ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހުމާނަށް ދެއްވުމަށް ހަންޓާ އަހުމަދު އެދިލައްވާފައިވެއެވެ.
ފެލިވަރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ގޮވާލި މައްސަލަ އީސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅިިއިރު، އެ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު