އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގާނޫނީ ލަފާ ހޯއްދަވަމުންދާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ހީނާ އެހެން ވިދާޅުވީ، އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކުރައްވައި ދިގު ދެންމެވުމަކީ ޑިމޮކްރަސީއަށް ފާޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ހުރަހެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގއ. މާމެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުުޅެއްގައެވެ. އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓު ނުކުރައްވައި ގާނޫނަކަށް ނުހަައްދަވައި ރައީސް ހުންނެވުމަކީ ޑިމޮކްރަސީއަށް ފާޅުގައި ހުރަސް އެޅުއްވުން ކަމަށެވެ.
ރައީސް ސޯލިހުގެ އެ ވާހަކަތަކާ ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ހީނާ ވިދާޅުވީ، މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށްޓަކައި އެ ބިލް ރައީސުލްޖުމްހޫރއިްޔާގެ އޮފީހަށް ފޮނުވީ، މި އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގެ ރޭގަނޑު 9:35 ގައި ކަމަށެވެ. އަދި ބިލް ތަސްދީގު ކުރެއްވުމަށް ގާނޫނީ ލަފާ ހޯއްދެވުމުގެ ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ފުރުސަތަކަށްވާތީ، މިހާރު ކުރިއަށްދަނީ ގާނޫނީ ލަފާ ހޯއްދެވުމުގެ މަރުހަލާ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުން ފޮނުއްވާ ބިލް ތަސްދީގު ކުރެއްވުމަށާއި އަލުން ވިސްނެވުމަށް އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިލެއްވުމަށް ގާނޫނުއަސާސީގެ 91 މައްދާއިން 15 ދުވަހުގެ މުއްދަތެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
"މާނަކުރުމާއި ހަމަތައް ބަޔާންކުރާ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށްބަލާއިރު އެ ބިލް ތަސްދީގު ކުރެއްވުމަށް އޮތް އެ ފުރުސަތު ހަމަވަނީ 22 އޭޕްރީލަށް،" ހީނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު