އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބޯންމައުތު ކައިރިން އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ޔުނައިޓެޑުން ބޯންމައުތު ކައިރިން އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. އެއީ ޔުނައިޓެޑަށް މާޔޫސީ ނަތީޖާއެކެވެ. ޔޫރަޕްގެ ޖާގައަކަށް މަސައްކަތް ކުރަމުންދާ ޔުނައިޓެޑް މި ވަގުތު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. އެއީ 32 މެޗުން 50 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި ނިއުކާސަލް އޮތްއިިރު، އެ ޓީމަށްވެސް ވަނީ 32 މެޗުން 50 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑާއި ނިއުކާސަލްގެ ފައިދާ ގޯލުގެ ތަފާތު ބޮޑެވެ. ނިއުކާސަލް ފައިދާ 17 ގޯލާއެކު އޮތްއިރު، ޔުނައިޓެޑް އޮތީ މައިނަސް އެއް ގޯލެވެ.

އަށްވަނައިގައި އޮތް ވެސްޓް ހަމް އަށް 32 މެޗުން 48 ޕޮއިންޓް ލިބިފައިވާ އިރު، ނުވަ ވަނައިގައި އޮތް ޗެލްސީއަށް 30 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. ޗެލްސީއަށް އަތުގައި އޮތް ދެ މެޗުން މޮޅުވެ، ޔުނައިޓެޑަށްވުރެ ކުރިއަށް ޖެހިލަން ފުރުސަތު އެބަ އޮތެވެ.

ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް ދެފަހަރުވެސް ޖެހުނީ މެޗުގެ ނަތީޖާ އެއްވަރުކުރާށެވެ. ޑޮމިނިކް ސޮލާންކޭ ފުރަތަމަކޮޅުގައި ޖެހި ގޯލުން ބޯންމައުތު މެޗުގައި ލީޑު ނެގި އިރު، 31 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް މެޗު އެއްވަރުކުރިއެވެ.

ޔުނައިޓެޑަށްވުރެ ރަނގަޅަށް ކުޅެމުންދިޔަ ބޯންމައުތުން ފުރަތަމަ ހާފު ނިންމާލީ އިތުރު ގޯލެއް ޖަހައި، މެޗު ލީޑު ނަގައިގެންނެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ޖަސްޓިން ކްލެވާޓެވެ. ދެވަނަ ހާފަށް ނުކުމެވެސް ޔުނައިޓެޑަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ އިރު، އެ ޓީމަށް މެޗު އެއްވަރުކުރެވުނީ ލިބުނު ޕެނަލްޓީއެއްގައެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ، ޔުނައިޓެޑަށް 52 ވަނަ ގޯލު ޖެހި، ފެނާންޑޭޒްއެވެ.