ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އޮފީހަށް މީގެ ދިހަ ދުވަސް ކުރިން އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ އަސްކަރިއްޔާގެ ސީނިއާ ޖެނެރަލަކު ވަނީ އަވަހާރަވެފައެވެ. އޭނާގެ އިތުރަށްވެސް އީރާނުގެ އޮފިޝަލުންގެ ތެރެއިން އެތައްބަޔަކު ވަނީ މަރުވެފައެވެ. މި ހަމަލާގެ ބަދަލު ވޭންދެނިވި ގޮތެއްގައި ހިފާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. އީރާނުގެ މި އިންޒާރު ވަރަށް ސީރިއަސްކޮށް އިޒްރޭލުން ވަނީ ނަގައިފައެވެ. އިޒްރޭލަށް ވާގިވެރިވާ ހުޅަނގުގެ ބާރުތަކުން އެތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ބަދަލު ހިފާނެކަން ޔަގީންކޮށްގެންނެވެ. އެމެރިކާއަކީ އަބަދުވެސް ދެލޯ މަރާލައިގެން އޮވެ އިޒްރޭލަށް މަދަދުކުރާ ގައުމެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވެއެވެ. އީރާނުން އެއްވެސް ސިފައެއްގައި އިޒްރޭލަށް ހަމަލައެއް ދީފިއްޔާ އިޒްރޭލުގެ ހިމާޔަތުގައި އެކަތައިގެ އައްޑަނައެއް ގާއިމުކުރާނަމެވެ. އިޒްރޭލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާކަމެއްވެސް ކުރާނަމެވެ.
ރައީސް ބައިޑެން މިވަރުގެ ޔަގީންކަމެއް އިޒްރޭލަށް ދެއްވީ އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ދެއްވި އާ އިންޒާރަކާވެސް ގުޅިގެންނެވެ. ހުސްވި ހަފުތާގެ ތެރޭގައި ޚާމަނާއީ ވިދާޅުވިއެވެ. ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް ހަމަލާދިނުމަކީ ހަމަސީދާ އީރާނަށް ހަމަލަދިނުން ފަދަ ކަމެކެވެ. އީރާނުގެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޚާމަނާއީ އަދި އިތުރަށްވެސް ވިދާޅުވިއެވެ. އަހަރެމެންގެ ކޮންސިއުލޭޓަށް ހަމަލާދިނުމަކީ އަހަރެމެންގެ ފަސްގަނޑަށް ހަމަލަދިނުމާ އެއްވަރުގެ ކަމެކެވެ. އޭގެ ރައްދު ދިނުން އަހަރެމެންގެ މައްޗަށް ލާޒިމެވެ. އެހެންވީމާ ނުބައިވެގެންވާ ޝައިތޯނީ ޒަޔަނިސްޓް ދައުލަތާ ދެކޮޅަށް ތެދުވާން ޖެހިއްޖެއެވެ. އެކަން އަހަރެމެން ކުރާނަމެވެ. ޚާމަނާއީ މިފަދައިން ވިދާޅުވިއަސް ބަދަލު ހިފުމަށްޓަކައި އީރާނުން އިޚުތިޔާރު ކުރާނެ މަގު އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އިޒްރޭލަށް އަމާޒުކޮށް ސީދާ ހަމަލައެއް ދީފިނަމަ މެދުއިރުމަތީގައި ބޮޑުވެގެންވާ ހަނގުރާމައެއް ފެށޭނެއެވެ.
އީރާނާއި އިޒްރޭލަކީ އެއްގަމުން ގުޅިފައިވާ ދެ ގައުމެއް ނޫނެވެ. އެދޭތެރޭގައި އިރާގު އެބައޮތެވެ. ސީރިޔާވެސް އެބައޮތެވެ. އެހެންވީމާ އީރާނާއި އިޒްރޭލުގެ މެދުގައި ވެވޭ ހަނގުރާމައެއް ވާނީ ވައިގެ މަގުން ވެވޭ ހަނގުރާމައަކަށެވެ. ރޮކެޓާއި މިސައިލުގެ ހަނގުރާމައަކަށެވެ. ހަނގުރާމަ މަތީ ޖެޓުތަކުގެ ހަނގުރާމައަކަށެވެ. މިފަދަ ހަނގުރާމައެއް ކުރުމުގެ ކެރިކުޅަދާނަކަން ކިތަންމެ ފުރިހަމައަކަށްވެސް އީރާނަށް މިއަދު ލިބިގެންވެއެވެ. އެހެންނަމަވެސް ތަޖުރިބާކާރުންގެ ރައުޔުގައި އީރާނުން ސީދާގޮތެއްގައި އިޒްރޭލާ ކުރިމަތިލުމުގެ ބަދަލުގައި އިހުތިޔާރު ކުރާނީ ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތް މެދުވެރިކޮށް ހަނގުރާމަ ކުރުމުގެ މަގެވެ. ހިޒްބު ﷲ އަކީ އީރާނުން މަދަދުކުރާ ޖަމާއަތެކެވެ. ލުބުނާނަކީ އިޒްރޭލާ އިންވެގެންވާ ގައުމެކެވެ. ހިޒްބު ﷲ އަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތަށްވުރެ ހުރިހާ ގޮތަކުންވެސް ބާރުގަދަ ޖަމާއަތެކެވެ. މެދުއިރުމަތީގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ ތެރެއިން އިޒްރޭލު އެންމެ ޖެހިލުންވާ ޖަމާއަތަކީވެސް ހިޒްބު ﷲ އެވެ.
އިޒްރޭލުގެ އުތުރުގެ ސަރަހައްދުތައް ގަބުރުސްތާނަކަށް ހަދައިލުމުގެ ކެރިކުޅަދާނަކަން ހިޒްބު ﷲ އަށް ލިބިގެންވެއެވެ. އެތައްހާސް މިސައިލަކާއި ރޮކެޓްތައް އެމީހުންގެ އަތުގައި އެބަހުއްޓެވެ. ނަންހުސްކޮށް ބޮޑުބަޑީގެ އެތަކެއް ވައްތަރު އެބަހުއްޓެވެ. ލުބުނާނުގެ ގައުމީ ލަޝްކަރަށްވުރެ ހިޒްބު ﷲ ގެ ބާރުގަދައެވެ. މި ހަގީގަތް އެމެރިކާއިންވެސް ގަބޫލު ކުރެއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގެ ކުރީގެ ކޮމިނިކޭޝަން ޑިރެކްޓަރު ހުސްވި ހަފުތާގައި ވިދާޅުވެފައިވަނީ ހިޒްބު ﷲ އަކީ އިޒްރޭލަށް ނުހަނު ގިނަގުނަ ގެއްލުންތައް ދެވިދާނެ ބާރުގަދަ ޖަމާއަތެއް ކަމުގައެވެ. ގާޒާގައި ހަނގުރާމަ ކުރަމުންދިޔަ އިޒްރޭލުގެ ލަޝްކަރުތައް ކުއްލިއަކަށް އެތަނުން ބާލަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމުމުގެ ސަބަބަކީވެސް ހިޒްބު ﷲ އާ ކުރިމަތިލުމަށްޓަކައި އިޒްރޭލުގެ އުތުރުގައި އެ ލަޝްކަރު އަލުން ރުކުރުވައިލުމެވެ. އެހެންވީމާ ހަނގުރާމައިގެ އާ މައިދާނަކަށް ވާނީ ލުބުނާން ކަމަށް ވަރަށް ބޮޑަށް ވަނީ ގަބޫލު ކުރެވިފައެވެ.
ތަޖުރިބާކާރުންގެ ތެރެއިން ބައެއް މީހުންގެ ވިސްނުމުގައި އީރާނުގެ ރައްދު އަދި އެހެން ގޮތަކަށްވެސް އަތުވެދާނެއެވެ. ދުނިޔޭގެ އެކި ތަންތަނުގައިވާ އިޒްރޭލުގެ އެމްބަސީތަކުގެ ތެރެއިން ތަނަކަށްވެސް އީރާނުން ހަމަލަދީފާނެއެވެ. މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި އިޒްރޭލުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް އެބަހުއްޓެވެ. މި ވިސްނުމަށް ބާރު ލިބެނީ މި ހަފުތާގެ އާދީއްތަ ދުވަހު އީރާނުގެ އޮފިޝަލަކު ވިދާޅުވި އެއްޗަކުންނެވެ. އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި އިޒްރޭލުގެ އެމްބަސީއަކަށް އަދި ކޮންސިއުލޭޓަކަށް ރައްކާތެރިކަމެއް ނެތެވެ. މެދުއިރުމަތީގައިވާ ގައުމުތަކުގެ ތެރެއިން އިޒްރޭލުގެ ޑިޕްލޮމެޓިކް އޮފީސްތައް ހުރީ ނިސްބަތުން ބާރުގަދަ ނުފޫޒު ގަދަ ގައުމުތަކުގައެވެ. ތުރުކީވިލާތާއި މިސްރުގައެވެ. އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައެވެ. މިއިން ތަނަކަށް ހަމަލަދީފިއްޔާ އެގައުމަކުން އީރާނާ ދެކޮޅަށް ތެދުވުމުގެ ފުރުސަތު އޮންނާނެއެވެ. ތެދުވާންވެސް ތެދުވާނެއެވެ. މިއީ އީރާނަށް ވަރަށް ގެއްލުން ބޮޑު ގޮތެކެވެ.
އީރާނުގެ ރައްދު އަންނާނީ ކޮންގޮތަކަށްކަން އަދި ޔަގީން ނުވިއަސް ހަނގުރާމައިގެ އާ ބާބަކަށް އިޒްރޭލު އެދަނީ ތައްޔާރުވަމުންނެވެ. ސިފައިންނަށް ޗުއްޓީ ދިނުން ހުއްޓާލައިފިއެވެ. ހުރިހާ ލަޝްކަރުތައް ތައްޔާރީ ހާލަތަކަށް ގެނެސްފިއެވެ. އިޒްރޭލު އެކަންޏެއް ނޫނެވެ. މެދުއިރުމަތީގައިވާ އެމެރިކާގެ ސިފައިންވެސް ތައްޔާރީ ހާލަތަށް ވަނީ ގެނެސްފައެވެ. އީރާނުގެ ރޫހާނީ ލީޑަރު ހުސްވި ހަފުތާގައި ދެއްވި އިންޒާރުގެ ޖަވާބުގައި އިޒްރޭލުގެ ޚާރިޖީވަޒީރުވެސް ވަނީ އެފަދަ އިންޒާރެއް ދީފައެވެ. އޭނާ ބުންޏެވެ. އީރާނުގެ ސަރަހައްދުގެ ތެރެއިން އިޒްރޭލަށް ސީދާ ހަމަލައެއް އަތުވެއްޖެނަމަ އިޒްރޭލުންވެސް ދެން ހަމަލަދޭނީ ހަމަސީދާ އީރާނަށެވެ. ކޮންމެއަކަސް މުޅި މެދުއިރުމަތި އެއޮތީ ހުޅުފަޅައިގެންދާން ތައްޔާރުވެފައެވެ. އީރާނާ ދެކޮޅަށް އިޒްރޭލުގެ ދިފާއުގައި އެމެރިކާ ތެދުވާނެކަން ކަށަވަރުވާ ބީދައިން އީރާނަށް މަދަދު ކުރުމަށް ރަޝިޔާ އާއި ޗައިނާ ފަސްނުޖެހޭނެ ކަންވެސް ޔަގީންވެއެވެ. އެމެރިކާ އާއި އިޒްރޭލާ ކުރިމަތިލާން އީރާން ގިނިކަންޏާ ދޫނުކުރާނެކަންވެސް ކަށަވަރުވެއެވެ. އެހެންވީމާ އެނގި ޔަގީންވަނީ އާ ހަނގުރާމައެއް ފެށިއްޖެނަމަ އެ ހަނގުރާމަ ވާނީ މެދުއިރުމަތީގައި މިހާތަނަށް ހިނގާފައިވާ ހުރިހާ ހަނގުރާމަތަކަށްވުރެ ބިރުބޮޑު ނުރައްކާތެރި ވަރުގަދަ ހަނގުރާމައަކަށް ކަމުގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް