ދުނިޔޭގެ އެކި ގައުމުތަކުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކާއި ޑިޕްލޮމެޓުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިގެންވެއެވެ. އެކަން ކަށަވަރުކޮށްދެނީ ވިއެނާ ކޮންވެންޝަނޭ ކިޔުނު ބައިނަލްއަގުވާމީ މުއާހަދާއަކުންނެވެ. ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސް އަކީ 1963 ވަނަ އަހަރު ސޮއިކުރެވުނު މުއާހަދާއެކެވެ. މި މުއާހަދާ ވުޖޫދު ކުރެވުނީ މިކަމާބެހޭ ގޮތުން ބޭއްވުނު އދ. ގެ މަހާސިންތާއަކަށް ފަހުގައެވެ. ވިއެނާ ކޮންވެޝަން ބަޔާންކުރާ ގޮތުން ޑިޕްލޮމެޓިކް އޮފީސްތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ. އެއިން ތަނެއްގެ ވެރިޔަކަށް ހުންނަ މީހާގެ ހުއްދަ ލިބިގެން ނޫނީ އެ އޮފީސް ހުންނަ ގައުމެއްގެ ސިފައިންނަށްވެސް އަދި ފުލުހުންނަށްވެސް އެތަނަކަށް ނުވަދެވޭނެއެވެ. ޑިޕްލޮމެޓިކް އޮފީސް ކޮންމެ ގައުމެއްގައި ހުރިކަމަށްވިޔަސް އެތަނަކީ އެ އޮފީސް ނިސްބަތްވާ ގައުމުގެ ސިޔާދަތީ ހައްގު އޮންނަ ތަނެކެވެ. އެ ގައުމެއްގެ އަމިއްލަ ސަރަހައްދު ފަދައިންނެވެ. ޑިޕްލޮމެޓިކް އޮފީސް ހުންނަ ގައުމުގެ އެއްވެސް ބާރެއް އެތަނުގެ މައްޗަކަށް ނޯންނާނެއެވެ.

އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓުންނަށްވެސް މި މުއާހަދާގެ ދަށުން ހިމާޔަތް ލިބިގެންވެއެވެ. އެމްބަސީ ހުންނަ ގައުމުގެ އާއްމު ގިނަ ގާނޫނުތައް އެމީހުންގެ މައްޗަކަށް ނުހިނގާނެއެވެ. ހައްޔަރެއް ނުކުރެވޭނެއެވެ. ޝަރީޔަތެއް ނުހިންގޭނެއެވެ. ބޮޑުވަރަކަށް ކުރެވޭނެ ކަމަކީ ޑިޕްލޮމެޓެއްގެ އިމްތިޔާޒު ނިގުޅައިގަތުމާއި ގައުމުން ފޮނުވައިލުމެވެ. ބޭރުކޮށްލުމެވެ. މިދެންނެވި ކަންކަމަށް ވިސްނާއިރު ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް މީގެ އެގާރަ ދުވަސް ކުރިން އިޒްރޭލުން ދިން ވައިގެ ހަމަލާޔަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަމަސީދާ އީރާނުގެ ސަރަހައްދަށް ދިން ހަމަލާއެކެވެ. އީރާނުގެ ސިޔާދަތަށް އަރައިގަތުމެކެވެ. އީރާނުގެ ސަރަހައްދަކަށް ބޭރުގެ ބާރަކުން ހަމަލަދިނީމާ އެކަމުގެ ރައްދުދިނުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާ ފަދައިން މި ހަމަލާގެ ބަދަލު ހިފުމުގެ ހައްގު މި މުއާހަދާގެ ދަށުންވެސް އަދި ބައިނަލްއަގުވާމީ އެނޫން ގާނޫނުތަކުގެ ދަށުންވެސް އީރާނަށް ލިބިގެންވެއެވެ.

ވިއެނާ ކޮންވެންޝަނުގައި ބަޔާންކުރާ ކަންކަމުގެ މައްޗަށް މިދުވަސްކޮޅު މުޅި ދުނިޔޭގެ ސަމާލުކަން ލިބުމުގެ އެއް ސަބަބަކީ ކުރިންވެސް ދެންނެވުނު ފަދައިން ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން އުދުވާނީ ހަމަލާއެވެ. މި ހަމަލަޔާ ގުޅިގެން މުޅި މެދުއިރުމަތީގައި ބޮޑުވެގެންވާ ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ވިއެނާ ކޮންވެންޝަނަށް ސަމާލުކަން ލިބުމުގެ ދެވަނަ ސަބަބަކީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކުއެޑޯރުގެ ވެރިރަށް ކުއިޓޯގައި ހުންނަ މެކްސިކޯގެ އެމްބަސީއަށް އިކުއެޑޯރުގެ ސަލާމަތީ ބާރުތަކުން މިދިޔަ ހުކުރު ދުވަހު ވަދެގަނެ އެތާގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެން ހުރި މީހަކު ހައްޔަރު ކުރުމެވެ. އެމީހަކީ އިކުއެޑޯރުގެ ކުރީގެ ނައިބު ރައީސް ހޮރްގޭ ގްލާސްއެވެ. މެކްސިކޯގެ އެމްބަސީން ރައްކާތެރިކަން ހޯދައިގެން އެތާގެ ތެރޭގައި އޭނާ ހުންނަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. ކޮރަޕްޝަނުގެ މައްސަލަތަކުގައި އިކުއެޑޯރުގެ ކޯޓުތަކުން އޭނާގެ މައްޗަށް ދެ ހުކުމެއްވެސް ވަނީ އިއްވައިފައެވެ.

އިކުއެޑޯރުގެ ފަސްގަނޑުގައި ހުއްޓެއް ކަމަކު އިކުއެޑޯރުގެ ސަލާމަތީ ބާރުތަކަށް އެތަނަށް ވަދެވިގެން ނުވާނެއެވެ. ވަދެވުނަސް ވަދެވޭނީ މެކްސިކޯގެ އެމްބެސެޑަރު ހުއްދަ ދެއްވީމައެވެ. އެފަދަ ހުއްދައެއް އޭނާ ނުދެއްވައެވެ. އެހެންވީމާ އިކުއެޑޯރުން މި ހިންގި އަމަލަކީ ވިއެނާ ކޮންވެންޝަނުގެ ދަށުން މުޅިން މަނާ ކަމެކެވެ. އެއީ މެކްސިކޯގެ ސިޔާދަތަށް އަރައިގަތުމެކެވެ. އެކަމުގެ ރައްދު ދިނުމުގެ ހައްގު މެކްސިކޯއަށް ލިބިގެންވެއެވެ. ފެންނަ ފެނުމުގައި މެކްސިކޯއިން އިހުތިޔާރު ކުރީ ގާނޫނީ އަދި ސިޔާސީ މަގެކެވެ. އިކުއެޑޯރުގައި ތިބި މެކްސިކޯގެ ހުރިހާ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެނައީއެވެ. އެމްބަސީ ބަންދުކުރީއެވެ. އިކުއެޑޯރާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް މައްސަލަ ހުށައެޅީއެވެ. އީރާނުގެ ރައްދު އަންނާނެ ކަމަށް ފެންނަނީ އަދި އެހެން ގޮތަކަށެވެ. ދަގަނޑު ކެނޑޭނީ ދަގަނޑުންނޭ ބުނެވޭ ބީދައިންނެވެ. އީރާނު ބޭނުންވާ ކަމަށް ފެންނަނީ ހަމަލާޔަކަށް ހަމަލާއެކެވެ. ބުނަމުންދަނީ އިޒްރޭލަށް ހަމަލާ ދޭނެކަމުގައެވެ.

އެކި އެމްބަސީތަކަށް ޓެރަރިސްޓް ޖަމާއަތްތަކުން ހަމަލަދިނުމަކީ ނިކަން ދޭތެރެ އަވަސްކޮށް ހިނގާ ކަމެކެވެ. ކަނޑައެޅިގެން ދައުލަތަކުން އަނެއް ދައުލަތެއްގެ އެމްބަސީއަށް ސީދާގޮތެއްގައި ހަމަލަދިނުން ވަރަށް މަދެވެ. ފާއިތުވީ ފަންސަވީސް އަހަރުގެ ތެރޭގައި ހިނގާފައިވަނީ މިޒާތުގެ ދެ ހާދިސާއެވެ. އެއް ހާދިސާއަކީ މީގެ ފަންސަވީސް އަހަރު ކުރިން ޔޫގޯސްލާވިޔާގެ ވެރިރަށް ބެލްގްރޭޑުގައި ހުންނަ ޗައިނާގެ އެމްބަސީއަށް އެމެރިކާގެ ޖެޓްތަކުން ދީފައިވާ މިސައިލް ހަމަލާއެވެ. އެކަންކުރީ ޔޫގޯސްލާވިޔާއާ ދެކޮޅަށް ނޭޓޯއިން ހިންގި އަސްކަރީ އޮޕަރޭޝަނުގެ ތެރޭގައި އޮޅިގެން ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. ދެވަނަ ހާދިސާއަކީ މިމަހުގެ އެއްވަނަ ދުވަހު ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ވައިގެ ހަމަލައެވެ. މި ހަމަލަދިން ކަމަށް އިޒްރޭލް އެއްބަސް ނުވިޔަސް މިއީ އިޒްރޭލުގެ އުދުވާނެއްކަން މުޅި ދުނިޔެއަށްވެސް އެނގެއެވެ. މިކަން ނުކުރަމޭވެސް އިޒްރޭލަކުން ނުބުނެއެވެ.

އެމްބަސީތަކާއި ކޮންސިއުލޭޓްތަކުން މީހުންނަށް ހިމާޔަތް ދިނުމަކީ އާއްމު ކަމެކެވެ. އެގޮތުން އިކުއެޑޯރުގެ ކުރީގެ ނައިބު ރައީސަށް މެކްސިކޯގެ އެމްބަސީން ހިމާޔަތް ދިނުމަކީ އާ ކަމެއް ނޫނެވެ. އާ ކަމަކަށްވީ އިކުއެޑޯރުގެ ސަލާމަތީ ބާރުތަކުން އެތަނަށް ވަދެގަތުމެވެ. ވެނެޒުއެލާގައި ހުންނަ އާޖެންޓީނާގެ އެމްބަސީން ރައްކާތެރިކަން ހޯދައިގެން ވެނެޒުއެލާގެ އިދިކޮޅު ލީޑަރަކު މިހާރުވެސް އާޖެންޓީނާގެ އެމްބަސީގެ ތެރޭގައި އެބަހުއްޓެވެ. އޭނާ ހައްޔަރުކުރަން ވެނެޒުއެލާގެ ފުލުހުން އެތަނަކަށް ނުވަދެއެވެ. ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް 2013 ވަނަ އަހަރު މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ ތެރެއަށް ވަދެވަޑައިގެން އެތަނުގެ ހިމާޔަތް ހޯއްދެވިއެވެ. ދިވެހި ފުލުހުން އެތަނުގެ ތެރެއަށް ވަންނާކަށެއް ނޫޅެއެވެ. ރައީސް މައުމޫނުގެ ދައުރުގެ ފަހުކޮޅު ރާއްޖޭގެ މަޝްހޫރު ކާޓޫނިސްޓެއް ކަމަށްވާ އަހުމަދު އައްބާސް މާލޭގައި ހުންނަ އދ. ގެ އޮފީހަށް ވަޑައިގެން އެތަނުގެ ރައްކާތެރިކަން ހޯއްދަވަން އުޅުއްވިއެވެ. އެ ފުރުސަތު އދ. ގެ މަންދޫބު ނުދެއްވީއެވެ.