ރަށަށް ތަރައްގީ ނައިސްގެން ފ. ނިލަންދޫ ރައްޔިތުން މާޔޫސްވާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ރައްޔިތުން ބޭނުންވާ ވަރަށް ނިލަންދޫ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ހަފުތާގެ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް އިއްޔެ ނިލަންދުއަށް ވަޑައިގެން ރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނިލަންދޫގެ ތަރައްގީއަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ނިލަންދޫގައި ތަރައްގީކުރާ އެއާޕޯޓު ވެގެންދާނީ ރައްޔިތުން ބޭނުންވާ ކަހަލަ އެންމެ ޒަމާނީ އެއާޕޯޓަކަށް ކަމަށް ވިދާޅުވިއެވެ.

"މާޔޫސްކަން ދޫކޮށްލާ. އެދިވަޑައިގެންނެވި ކަންކަމުގެ އިތުރަށް ކުރާނެ ކަންކަން އެބަހުރި. މި ރަށަށް އޮތީ ފުރިހަމަ ޕްލޭނެއް. މި އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާނެ ފަދަ އާބަން ސެންޓަރަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓެއް ހެދުމުގެ އިތުރުން ރަށުގެ ފަޅުގެ ތެރޭގައި ދެ ރިސޯޓާއި ސިޓީ ހޮޓަލެއްވެސް ސަރުކާރުން ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. ސަރުކާރުން ވިސްނާފައި ވަނީ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއްގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ކަމަށާއި އެ ޕްލޭން ހަގީގަތަކަށް ހަދައި ގާނޫނީ ބާރުވެރިކަން ހޯދުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮތުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ރޭ ވަނީ ނިލަންދޫގެ ތަރައްގީއަށް ބޭނުންވެފައިވާ ހުރިހާ ކަމެއް ސަރުކާރުން ފުރިހަމަ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރަށުގެ ހޮސްޕިޓަލުގެ އާ އިމާރަތް ހެދުމާއި މަގުތައް ހެދުމުގެ އިތުރުން ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.