މާލެއާ އެއް ފެންވަރަށް ތަރައްގީވެފައިވާ ސިޓީއަކަށް އައްޑޫ ސިޓީ ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީއަށް މިއަދު ވަޑައިގެން އެ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު މާލޭ ސިޓީއާ އެއް ފެންވަރަކަށް ނުވަތަ އެއަށްވުރެ ވެސް ފުރިހަމައަށް އައްޑޫ ސިޓީ ތަރައްގީވެގެން ދިއުން ކަމަށާއި އެކަން ހަގީގަތަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ މާލޭގެ ތަރައްގީ މާލޭގައި ކުރިއަށް ގެންދާ ހުރިހާ މަސައްކަތެއް މާލެއާ އެއް ފެންވަރެއްގައި ހުރިހާ ކަމެއްވެސް ސިއްހީ ނިޒާމްވެސް ތައުލީމީ ނިޒާމްވެސް ގެދޮރުވެރިކަންވެސް ހަގީގަތުގައި ގެދޮރުވެރިކަމަކީ އެންމެ ބޮޑު މައްސަލަ މުޅި ރާއްޖޭގައި ވެސް މާލެއާ އެއް ފެންވަރަކަށް ނުވަތަ އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައިވާ ތަނަކަށް މި ސިޓީ ހަދައިދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލް ވާނީ މާލެ ސިޓީ ނުވަތަ ގްރޭޓާ މާލެ ސަރަހައްދާ އެއް ފެންވަރަކަށް ދެކުނުގެ ހަތަރު އަތޮޅާއި އުތުރުގެ ހަތަރު އަތޮޅު އަދި މެދު ރާއްޖެތެރޭގެ ހަތް ސަރަހައްދެއް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ކޮންސެޕްޓްގައި ޒޯނެއް ގޮތަށް ތަރައްގީ ކުރެވިގެން ކަމަށެވެ.
"މިކަހަލަ ކޮންސެޕްޓަކަށް ނުގޮހެއް ދުރު ރާސްތާއަކަށް ހުރިހާ ދިވެހި ރައްޔިތުންނަށް ބޭނުންވާ ފެންވަރުގެ އެންމެ މަތީ ފެންވަރުގެ ހިދުމަތް ބަދަލެއް ނައިސް ދެމެހެއްޓެނިވި ގޮތަކަށް ނުދެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސަދަން ޑިވެލޮޕްމެންޓް ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ހަފުތާ 14 ގައި ބޮޑެތި މަޝްރޫއުތައް ހިމަނައިގެން ސަރުކާރުން މަސައްކަތް ފެށީ ބަދަލެއް ގެނައުމަށް ކަމަށެވެ. އެ މަސައްކަތުގެ ދަށުން ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި އެތަނުގެ ކަނޑު އަޑީގެ ސާވޭ ހަދައި، ޑިޒައިނިން މަސައްކަތުގެ ތިން ބައިކުޅަ އެއް ބައި މިހާރު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަހަރު ނިމުމުގެ ކުރިން އެތަނުގެ އަމަލީ މަސައްކަތް ފަށާނަން. އަޅުގަނޑު ބޭނުމީ ބްރިޖު ނިންމަން، 2028 ގައި ކުރާކަށް ނުބާއްވާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބުރިޖަކީ ތިރީހަކަށް މީހުން ސައިކަލު ދުއްވަން ހަދާ ބުރިޖެއް ކަމަށް ބުނެ ވާދަވެރި ފަރާތްތަކުން މަލާމާތް ކުރި ނަމަވެސް އެ ބުރިޖުގެ ސަބަބުން އައްޑޫ ސިޓީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ހަންކެނޑެ މަޝްރޫއު ވެސް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެވެ. އަދި މިދިޔަ ސަރުކާރުން އައްޑޫގެ މަގުތަކުގައި ސިމެންތި ފަށެއް އަޅައިގެން ދަށް ފެންވަރެއްގައި ހަދާފައި އޮތް މަގުތަކުގައި ތާރު އަޅުއްވާނެ ކަމަށާއި އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްގެން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު