މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހިންގާނެ އެއް ރަށަކީ ލ. ގަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ގަމުގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށާއި އަދި ރަސްމީކޮށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އެކަންކަން މިހާރު ހިމަނުއްވާފައިވާނެ ކަމަށެވެ. އަދި އެކަންކަން ކުރުމަށްޓަކައި މަސައްކަތްތައް އެކި މަރުހަލާފައި ފެށިގެން ގޮސްފައިވާ ކަމަށާއި ގަމު ތަރައްގީ ކުރުމުގައި އަމަލީ ގޮތުން ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތުގައި ގަމުގެ ރައްޔިތުން އުންމީދުކުރާ ގޮތަށް ކަންކަން ހާސިލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެކަންކަން މިހާރު ފެށިފައިވާ ކަމަށާއި އެގޮތުން އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ފެށިފައިވާ ހައުސިން މަޝްރޫއަކުން ނުވާނެ 100 ހައުސިން ޔުނިޓަކުން ނުވަތަ 100 ގެއަކީ އެއްވެސް ވަރަކަށް ފުދޭ މިންވަރެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށްޓަކައި އެންމެ އާބާދި ބޮޑު ނުވަތަ އެންމެ ބިން ބޮޑު ޖާގަ އޮތް ތަނަކަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. އޭގެ ސަބަބުން އެހެން ރަށްރަށުގެ ރައްޔިތުންވެސް އެއްފަސްވުމުގެ ބޭނުމުގައި އެރަށްރަށަށް ހިޖުރަ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ އެ ވިސްނުމުގައި މުޅި ރާއްޖޭގައި ހިންގާ ހައުސިން މަޝްރޫއުގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެއް ރަށަށް ގަން ވާނެ. އެގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތީވެސް، އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ 40000 ހައުސިން ޔުނިޓް މަޝްރޫއު ފަސް އަހަރު ތެރެއަށް ބަހާލައިގެން އޭގެ ތެރޭގައި މުހިންމު ދައުރެއް އަދާ ކުރާ ރަށަކަށް މިރަށް ވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ޓާޝިއަރީ ފެންވަރަށް ހަތަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ހޮސްޕިޓަލްތައް ތަރައްގީ ކުރާނީ އެންމެ މަތީ ފެންވަރުގައި ކަމަށެވެ.
އެގޮތުން ގަމު ހޮސްޕިޓަލަކީ ސަރުކާރުން އެންމެ މަތީ ފެންވަރުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެއް ހޮސްޕިޓަލް ކަމަށާއި އެކަމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޓާޝިއަރީ ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލު ކުރުމުގެ ހުރިހާ ކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރެއިން މަސައްކަތް ފެށިފައި މިވަނީ އެ ފެންވަރަށް މިތަން ތަރައްގީވެގެން ދިއުމަކީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ގޮތް،" ރައީސް ވިދާޅުވިއެވެ.
"ހަމަ އެއާ އެކީގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް މިތަނުގައި ގާއިމު ކުރަން ވައުދުވިން ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް މިއީ. އަޅާ ނުލެވުމުގެ ސަބަބުން ޒުވާނުން ހާއްސަކޮށް ހަލާކުވެގެން އެބަދޭ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ އޭގެ ތެރެއިން މެޑިކަލް ޓޫރިޒަމާ ގުޅުވާލައިގެން އަޅުގަނޑުމެންގެ ވިސްނުމަކީ އެއާއެކު ތަރައްގީކުރުން،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު