މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު އަހުމަދު ރިޔާޒުގެ ކެމްޕޭނަށް، ސަރުކާރުގެ މިނިސްޓަރުން ވަޑައިގަތުމުން، އެރަށުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް ސަޕޯޓަރުން ނުރުހުން ފާޅުކޮށް މުޒާހަރާ ކޮށްފިއެވެ.
ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ތިމަރަފުށީގެ ދާއިރާގެ ޓިކެޓް ކަށަވަރުކުރީ އިބްރާހިމް ސަނާހު (ސަންޓޯ) އެވެ. ސަންޓޯ އަކީ ރިޔާސީ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓެވެ. ޕީއެންސީގެ ޓިކެޓް ސަންޓޯ ކަށަވަރުކުރި ނަމަވެސް ސަރުކާރުން ނިންމީ ތިމަރަފުށި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒުއަށް ތާއިދު ކުރުމަށެވެ.
އަހުމަދު ރިޔާޒަކީ، ތިމަރަފުށި ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒު ކޮއްކޯފުޅެވެ. އަބްދުﷲ ރިޔާޒަކީ އެމްއެންޕީއަށް ނިސްބަތްވާ ކެންޑިޑޭޓަކަށްވާ އިރު، ޕީއެންސީން ވަނީ އެމްއެންޕީއާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދައިފައެވެ.
އަހުމަދު ރިޔާޒުގެ ކެމްޕޭނު ޖަގަހަ ހުޅުވައި ދެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ މިއަދު އެ ރަށަށް ވަޑައިގެންފައެވެ. އަހުމަދު ރިޔާޒުގެ ކެމްޕޭން ޖަގަހައަކީ ޕީއެންސީގެ ހަރުގެއެއް ކަމަށާއި އެ ހަރުގެ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެ، ސަންޓޯ އާއި ތިމަރަފުށި މީހުން ވަނީ ޝިޔާމާއި ހަލީލް ވަޑައިގަތުމުން ނުރުހުން ފާޅުކޮށްފައެވެ. ސަރުކާރާއި އަދި ޝިޔާމާ ދެކޮޅަށް ނުރުހުން ފާޅުކުރީ ސަންޓޯގެ ސަޕޯޓަރުންނެވެ.
ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކުރަން ފެށުމުން، އަމަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ހަރަކާތްތެރިވާތަން، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި ސަންޓޯ ވާދަކުރާ އިރު، ސަރުކާރުން އަދި ޕީއެންސީން އަހުމަދު ރިޔާޒަށް ތާއީދު ކުރަނީ ކީއްވެގެންތޯ ތިމަރަފުށި މީހުން، ޝިޔާމާ ސުވާލުކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް މިނިސްޓަރުން އެ ސުވާލަށް ޖަވާބު ދެއްވައިފައެއް ނުވެއެވެ. މިނިސްޓަރުން ވަޑައިގަތުމުން އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރީ ސަންޓޯ އިސްވެ ހުންނަވައިގެންނެވެ.
ސަންޓޯ އާއި ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކުރަން ފެށުމުން، އަހުމަދު ރިޔާޒުގެ ޖަގަހަ ހުޅުވާފައި ވަނީ ވަލު ދޮރާށިން ވަދެއެވެ. ޖަގަހަ ހުޅުވައި ދެއްވުމަށްފަހު ޖަލްސާއެއް ވެސް ނުބާއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު