ވިސްނުމަކީ ޗައިނާ އާއި އިންޑިއާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ހަމަޖެހުން ކަމަށް އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުތަކުގެ ތެރެއިން އެ އަތޮޅު މާވަށަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޗައިނާއާ އެކު 720 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާ އެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ރާއްޖެއިން ކުރާ ކަމަށެވެ.
ޗައިނާގެ ޔުއާންއިން ރާއްޖެ ގެންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށާއި ހަމައެގޮތަށް އިންޑިއާއިން ގެންނަ މުދަލަށްވެސް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ހެދުމަކީ އަމާޒެއް ކަމަަށްވެސް ވިދާޅުވިއެވެ.
"ޗައިނާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރަށް ވާނީ ރާއްޖެއަށް ދައުވަތު ދީފައި. އޭގެ ޖަވާބުވެސް އެބައޮތް ލިބިފައި. އަޅުގަނޑުމެން ކަރަންސީ ސޯޕް އެރޭންޖު މެންޓްގައި ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިޔަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައިވިޔަސް ދިވެހި ވިޔަފާރިވެރިންނަށް، ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުވާންއިން، އަދި ދިވެހި ރުފިޔާއިން ޕޭ ކުރެވޭނެ. ހަމައެގޮތަށް އިންޑިއާއިން އަޅުގަނޑުމެން ގެންނަ އެއްޗެއްސަށް އަޅުގަނޑުމެންގެ އަމާޒުހުރީ ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދުން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެކަމުގެ ސަބަބުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ ވަރުގަދަ ވެގެންދާނެ ކަމަށެވެ. ނަތީޖާއަކީ ޑޮލަރުގެ ރޭޓް ދަށަށް ދިއުން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު