ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައީސްގެ މަގާމަށް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އިންތިހާބުކޮށްފިއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދިނުމާއެކު، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރޭގައެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުނު ކަމަށް ބުނެ ޖަލްސާ މިރެއަށް ފަސްކުރިއެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި މިރޭ 9:00 ގައި ބޭއްވުމަށް ނިންމި ޖަލްސާއަށް ތައްޔާރުވެގެން ޕީއެންއެފްގެ އިސް ބޭފުޅުންވެސް ގިޔާސުއްދީން ސްކޫލަށް ވަޑައިގެންފައިވަނިކޮށް ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް ޖަލްސާއަށް ހުރަސް އަޅައިފައެވެ. އެހެންވެ ޕީއެންއެފުން ދެން ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދުގައެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި 329 މީހުން ބައިވެރިވި އިރު، އެ ޖަލްސާގައި ވަނީ ޕީއެންއެފްގެ ރައީސްގެ މަގާމަށް ޒެއިން، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކޮށްފައެވެ. އެ މަގާމުތަކަށް އެ ބޭފުޅުން އިންތިހާބުކުރީ ޖަލްސާގައި ބައިވެރިވި 329 މީހުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން ޕީއެންއެފް ވަގުތީ ގޮތުން ހިންގާ ކޮމިޓީއަށް ވަނީ ޔާމީން އިންތިހާބުކޮށްފައެވެ. އެ ކޮމިޓީގައި ޔާމީންގެ އިތުރުން، ޒެއިން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، މަލީހުގެ އިތުރުން 17 މީހަކު ހިމެނިވަޑައިގަންނަވައެވެ. ޖުމުލަ 20 މެމްބަރުން ހިމެނޭ އެ ކޮމިޓީއަށް އެ ބޭފުޅުން އިންތިހާބުވެވަޑައިގަތީ ޖަލްސާގެ ބައިވެރިންގެ އިއްތިފާގުންނެވެ.

ޖަލްސާގައި ވަނީ ޕީއެންއެފްގެ ކުލަ، ނަން، ސިއްކަ، އެޑްރެސް އަދި އަސާސީ ގަވާއިދުވެސް އިއްތިފާގުން ފާސްކޮށްފައެވެ.

ޕީއެންއެފް އުފެއްދާ ޖަލްސާ ނިމުމުން ޔާމީން ވަނީ އެ ސަރަހައްދަށް ވަޑައިގެން ސަޕޯޓަރުންނާ އީދު ސަލާމް ކުރައްވައިފައެވެ. އަދި ޖަލްސާ ބޭއްވިޔަނުދިނުމަށް ސަރުކާރުން ކުރި ކަންތައްތައް ބޭރު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް މަލީހަށާއި ޖަމީލަށް ޔާމީން ވަނީ ދަންނަވައިފައެވެ.